ފެޑެރަލް ނިޒާމަކީ ރާއްޖެއާއި ގުޅޭ ނިޒާމެެއް ނޫން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ދިވެހިރާއްޖެ ފެޑަރަލް ދައުލަތަކަށް ބަދަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިމޮށެވެ. ރައީސް ނަޝީދު ފާޅު ކުރެއްވި އެ ޚިޔާލުފުޅާ ދެކޮޅު ހައްދަވައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ފެޑެރަލް ނިޒާމަކީ ރާއްޖެއާއި ގުޅޭ ނިޒާމެެއް ނޫން ކަމަށާއި އެއީ ރާއްޖޭގައި ހިންގަން އުދަނގޫ ޚަރަދު ބޮޑު ނިޒާމެއް ކަމަށެވެ.

އެގޮތުން ފެޑެރަލް ނިޒާމަކީ ތަފާތު ދީންތަކާއި ނަސްލުތަކާއި އަދި ތަފާތު ބަސްބަހުން ވާހަކަ ދައްކާ އެތަށް މިލިއަން މީހުން ދިރިއުޅެމުންދާ އެކި ސްޓޭޓް ނުވަތަ ދައުލަތްތައް އެކުލެވޭ ގައުމުތަކުގައި ހިންގަމުންދާ ނިިޒާމެއްކަަން ޝަރީފް ފާހަގަކުރެއްވިއެވެ. ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ޝަރީފް ވިދާޅުވީ ފެޑެރަލް ނިޒާމް ރާއްޖޭގައި ހިންގުމަށް ކޮންމެ އިދާރީ ދާއިރާ އަކަށް ނުވަތަ ކޮންމެ ރަށަކަށް ކައުންސިލްގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހެއް ހަދައި ރާއްޖޭގެ މީހުން ދިރިއުޅޭ 186 ރަށުގައި މިހާރު ރާއްޖެއަށް ނިސްބަތްވާ ކޮންމެ ރަށެއްގައި މުވައްސަސާތައް ހަދައި ބާރުތައް ވަކިކުރުމަކީ ގޮންޖެހުން ބޮޑު ކަމެއް ކަމަށެވެ.

ޝަރީފް ވަނީ ފެޑެރަލް ނިޒާމް ފަދަ ޚަރަދު ބޮޑު ނިޒާމެއް ރާއްޖޭގައި ހިންގަންޖެހެނީ ކޮން ނަސްލީ ތަފާތުތަކާއި ދީނީ އަރާރުންތަކެއް އޮވެގެންތޯ ސުވާލު އުފައްދަވާފައެވެ. އަދި އެފަދަ ނިޒާމަކުން އުފެދޭނީ ވަސީލަތްތައް ބެހުމާއި އިން ވަކިކުރުމުގެ ބޮޑު ތަޅާފޮޅުމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ބޮޑު މާސިންގާ ގައުމުތަކުގެ އެއްކޮށް ދިރިނޫޅެވޭ ވަރުގެ ދީނާ ނަސްލުގެ ތަފާތު ހުންނަ އެތައް ދައުލަތްތެއް އެކުވެގެން އެއްކޮށް އުޅެން ބޭނުންވެގެން އެތައް ކޮމްޕްރޮމައިސްގެ ތެރެއިން އުފައްދާފައިވާ ނިޒާމެއް ފެޑެރަލް ނިޒާމަކީ، އެއީ ރާއްޖެއާއި އެއްގޮތަކަށް ވެސް ގުޅޭ ނިޒާމެއް ނޫން." ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ދުނިޔޭގައި ފެޑެރަލް ނިޒާމް ހިންގަނީ ހާއްސަ ހާލަތުގައި ހުރި ވަރަށް މަދުގައުމުތަކެއްގައި ކަމަށެވެ. ރާއްޖެ ފަދަ މީސްކޮޅުމަދު، މަދު ވަސީލަތްތަކާއި އެކު ތަރައްގީވަމުން އަންނަ ކުޑަ ގައުމެއް އެތައް ދައުލަތްތަކެއް އެކުލެވޭ ގައުމަކަށް ބަދަލުކުރަން މަސައްކަތް ކޮށްފިނަމަ ސިޔާސީ އަރާރުން ބޮޑުވެ ގައުމު ރޫޅިގެން ހިގައިދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ދުނިޔޭގައި ހުރީ ހާއްސަ ހާލަތު ހުރި ވަރަށް މަދު ފެޑެރަލް ނިޒާމް އޮންނަ ގައުމުތަކެއް، ރާއްޖެއަކު އެ ހާލަތެއް ނެތް. ގައުމު އެކުވެރިކޮށް ބަދަހި ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ގައުމު ރޫޅާލައި ކުދިކުދި ކުރަން ބައެއް ސިޔާސީ މީހުން މަސައްކަތް ކުރުމަކީ ވަރަށް ނުރައްކާތެރިކަމެއް." ޝަރީފް ވިދާޅުވިއެެވެ.

ހއ. އަތޮޅު ކައުންސިލުން ދިއްދޫގައި ބޭއްވި ތިލައުތުރު އެވޯޑު ހަފުލާގައި، ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ ފެޑަރަލް ދައުލަތަކަށް ބަދަލުކުރަންޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިގުތިޞާދީ ގޮތުން ރާއްޖޭގެ ވަކިވަކި ސަރަޙައްދުތައް ކުރިއަރައިދާނީ ފެޑަރަލް ދަޢުލަތަކަށް ބަދަލުވެގެން ކަމަށެވެ. އަދި ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ބައިވެރިވުން ލިބޭނީ އެމަގަށް މަސައްކަތް ކޮށްގެންކަމަށް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު