ބެންކު އޮފް މޯލްޑިވްސް މެދުވެރިކޮށް އިންޑިއާއަށް ފޮނުވި 23000 ޑޮލަރު ލިބެންޖެހޭ ފަރާތަށް ނުލިބުމުގެ މައްސަލައެއް ފެންމަތިވެ ބޭންކަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވާން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި މިކަމާއި ގުޅޭ ލިޔެކިޔުންތައްވެސް ދަނީ ދައުރުވަމުންނެވެ. އަދި މިމައްސަ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ހިޔަކީ މުހައްމަދު ރަޝީދު ވެސް ވަނީ ބީއެމްއެލްގެ ސަމާލު ކަމަށް ގެނަސްފައެވެ.

އެގޮތުން މިމަހުގެ 2 ވަނަ ދުވަހު ބީއެމްއެލްގެ އިންޓަރނޭޝަލް މަނީ ޓްރާންސްފަރގެ ހިދުމަތް މެދުވެރިކޮށް އިންޑިއާއަށް ފޮނުވި 23000 ޑޮލަރު ނުވަތަ 354000 ރުފިޔާ ލިބެންޖެހޭ ފަރާތަށް ނުލިބޭކަމަށް ފައިސާ ފޮނުވި ފަރާތުން ބުނެއެވެ. އަދި އޭނާ ވަނީ ފައިސާ ފޮނުވިކަން އަންގައިދޭ ލިޔުންތައްވެސް އާއްމުކޮށްފައެވެ.

އާއްމު ގޮތެއްގައި ރާއްޖެއިން ބޭރަށް މިގޮތަށް ފޮނުވާ ފައިސާ 2 ދުވަހެއްގެ ތެރޭގައި ލިބެންޖެހޭ ފަރާތަށް ލިބޭއިރު، މިމަހުގެ 2 ވަނަ ދުވަހު ފޮނުވި 23000 ޑޮލަރު އަދިވެސް ނުލިބޭކަމަށް ފައިސާ ފޮނުވި ފަރާތުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި މިއީ ވިޔަފާރިވެރިޔަކު ރާއްޖެ ގެންނަން ގަނެފައިވާ ވިޔަފާރި މުދާ ޝިޕްމަންޓަކަށް ދައްކަންޖެހޭ ފައިސާއެވެ. އަދި އެ ފައިސާ ރައްދު ނުކުރެވޭތީ މުދާވެސް ނުލިބޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.



ފައިސާ ފޮނުވި މީހާ ބުނީ އެ ފައިސާ ލިބެންޖެހޭ ފަރާތަށް ނުލިބޭކަން ބީއެމްއެލަށް އެންގިކަމަށާއި، ނަމަވެސް މިހާތަނަށް އައިއިރު އެފަރާތުން އެކަށީގެންވާ އެއްބާރުލުމެއްވެސް، ޖަވާބެއްވެސް ނުދޭކަމަށެވެ. އަދި އެފައިސާ އަނބުރާ ދީފައިވެސް ނުވާކަން އޭނާ ފާހަގަކުުރެއެވެ.

ސޯޝަލް މީޑިއާގައި މި ވާޙަކަތައް ފެތުރުމުން ބީއެމްއެލްގެ ބޮޓް އެކައުންޓުން އާއްމުކޮށްދޭ ޖަވާބުދީފައިވެއެވެ. އެއީ އެކަން ބަލަމުންދާނެކަމުގެ ވާހަކައެވެ.

މިގޮތަށް ރާއްޖެއިން ފޮނުވާ ފައިސާ ނުލިބުމުގެ ޝަކުވާ މިހާރު ބޮޑުވަމުން އަންނަ ކަމަށް މީސް މީޑިއާގައި މިމައްސަލަ އާންމުކުރި ވިޔަފާރި ވެރިއަކު ބުނެފައި ވެއެވެ. މިގޮތުން ފޮނުވާ ފައިސާ ނުލިބުމުގެ އިތުރުން ފައިސާ ލިބެންޖެހޭ ފަރާތަށް ހަމައަށް އެ ފައިސާ ނުލިބުމުގެ މައްސަލަވެސް ފެންމަތިވަމުން އަންނަ ކަމަށް އޭނާ ބުނެފައި ވެއެވެ.

އެކަންކަމާއި ގުޅޭގޮތުން މައްސަލަ ހުށަހެޅުމުން އެކަށީގެންވާ ގޮތެއްގައި އެކަން ބަލައިދީފައިނުވާކަމަށާއި، އަދި ކޯލް ސެންޓަރަށް ގުޅުމުން ޒިންމާދާރުކަން ކުޑަ ޖަވާބުތައް ދޭ މައަސަލަވެސް މީސްމީޑިއާގައި ފާހަގަކޮށްފައި ވެއެވެ. މީގެއިތުރުންވެސް ބީއެމްއެލްއާ ގުޅޭގޮތުން ހުންނަ ޝަކުވާތަކަކީ ކޮންމެ ދުވަހަކުވެސް އިވޭ ހައްލު ނުލިބޭ ޝަކުވާތަކެއްކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު