މަސް ދޯނިފަހަރުގައި ލޮނުފެން ފިނިކުރާ ނިޒާމު އަދި ސޯލަރ ޕަވަރ ސިސްޓަމް ހަރުކުރުމަށް މާލީއެހީތެރިކަން ފޯރުކޮށްދޭ ދެވަނަ ފިޔަވަހި ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން އިކޮނަމިކް މިނިސްޓްރީން ބުނީ ސަރުކާރުގެ ނޫ އިޤްތިސާދު ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުންނާއި، އަދި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައި ކުރިޔަށްދާ ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިއީ އިކޮނަމިކް މިނިސްޓްރީއާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް، އެންޑް އެގްރިކަލްޗަރ އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގުޅިގެން ކުރިޔަށް ގެެންދާ ޕްރޮޖެކްޓެކެވެ.

މިޕްރޮޖެކްޓްގެ ދަށުން މަސްވެރި އުޅަނދުތަކުގެ ވަތުގައި ލޮނުފެން ފިނިކުރާ ނިޒާމު (އާރ.އެސް.ޑަބްލިޔު ސިސްޓަމް) ޤާއިމުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުންކުރުމަށް ސޯލާރ ޕަވަރ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި ލިބުނު އެޕްލިކޭޝަންތައް އެވޯޑުކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކަކީ؛

1 - ރަޖިސްޓަރ ކުރެވިފައިވާ އުޅަނދަކަށް ވުމާއި މަސްވެރިކަން ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތުން.

2 - އުޅަނދު މިހާރުވެސް ބޭނުންކުރެވެނީ މަސްވެރިކަންކުރުމަށް ކަމުގައިވުން.

3 - 50 ފޫޓަށް ވުރެ ދިގު އުޅަނދަކަށްވުމާއި އަދި މަދުވެގެން 15 ޓަނުގެ މަސް ރައްކާކުރެވޭނެ ކެޕޭސިޓީ އުޅަނދުގައި ހުރުން.

4 - ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ޖާގަ އުޅަނދުގައި ހުރުން.

5 - އެސްޑީއެފްސީއިން ކަނޑައަޅާފައިވާ ފައިނޭންސިންގ ސްކީމާއި އެއްގޮތަށް އަނބުރާ ފައިސާ ދެއްކުމުގެ ޤާބިލްކަން ހުރި ފަރާތެއް ކަމުގައިވުން.

އިކޮނަމިކް މިނިސްޓްރީން ބުނީ ފައިނޭންސިންގ ސްކީމްގައި ބައިވެރިވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް، އެފަރާތެއްގެ އުޅަނދަކަށް ބޭނުންވާ ސިސްޓަމް، އެސް.ޑީ.އެފް.ސީ ވެބްސައިޓުގައި ލިސްޓުކޮށްފައިވާ (އެމްޕެނަލްކޮށްފައިވާ) ސަޕްލަޔަރުންގެ ލިސްޓުން ޚިޔާރު ކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ. އަދި ފައިނޭންސިންގ ފެސިލިޓީގެ އަގު ކަނޑައެޅޭނީ ޚިޔާރު ކުރާ ސިސްޓަމަށް ބިނާކޮށް ކަމަށާއި، ސިސްޓަމް ހަރުކޮށްދިނުމާއި ސިސްޓަމް ހިންގުމާއި ގުޅޭގޮތުން ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމުގެ މަސައްކަތް މި ޕްރޮގްރާމްގެ ތެރެއިން ކުރިޔަށް ދާނެއެވެ.

މިޕްރޮގްރާމްގެ ފައިނޭންސިންގ ހަމަޖެހިފައިވަނީ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އިން "އާރ.އެސް.ޑަބްލިޔު" ނަމުގައި ހުޅުވާފައިވާ އިސްލާމިކް ފައިނޭންސިންގ ސްކީމެއް މެދުވެރިކޮށެވެ. މިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޑިސެންބަރު 2023 ވަނަ ދުވަހުގެ ނިޔަލަށެވެ.



ކިޔުންތެރިންގެ ހިޔާލު