ޒަމާނީ ފެންވަރަކަށް ހަދަމުންދާ އަމީނީމަގުގެ ބޮޑު ބައެއްގައި ބުރާސްފަތިދުވަހު ތާރު އަޅަން ތައްޔާރުވެއްޖެއެވެ.

އަމީނީމަގުގެ މަސައްކަތް 13 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްދާއިރު، ފުރަތަމަ 3 ސެގްމަންޓްގައި ތާރު އެޅުމުގެ މަސައްކަތް ހިމެނޭގޮތަށް ހުރިހާ މަސައްކަތެއް ވަނީ ނިންމާލާފައެވެ. އެއީ ހެންވޭރުން އަމީނީ މަގުގެ ކޮޅުން ފެށިގެން ސްޓެލްކޯއާ ހަމައަށެވެ.

އާރުޑީސީން މިހާރު ތައްޔާރުވަމުންދަނީ ސްޓެލްކޯއިން ފެށިގެން ބިލަބޮންގާއި ހަމައަށް އޮތް 4 ސެގްމަންޓްގެ މަސައްކަތް ނިންމުމަށެވެ. އެގޮތުން މަގުތައް ހެދުމުގެ މަސައްކަތް ނިންމާލާފައިވާއިރު، މިހާރު އޮތީ ތާރު އެޅުމަށް ތައްޔާރުވެފައެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ބުނީ، މަގުގައި ތާރުއެޅުން ފިޔަވައި ހުރިހާ މަސައްކަތެއް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހު އެ 4 ތާރު އެޅުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް އާރުޑީސީން ބުނެއެވެ.

ބުރާސްފަތިދުވަހު ތާރު އެޅުމުގެ މަސައްކަތް ކުރިއަށްގެންދިޔަނަމަވެސް މަގު އާއްމުކޮށް ހުޅުވައިލާނީ، ޓްރެފިކް ނިޝާންތައް ހަރުކޮށް، ޓްރެފިކް ނިޝާންތައް ކުރަހާ ނިމުމުންކަމަށް އާރުޑީސީން ބުނެއެވެ.



އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.

އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާއަށެއެވެ.



ކިޔުންތެރިންގެ ހިޔާލު