ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވެރިކަންކުރާ ޕާޓީން އިސްތިއުފާ ދެއްވި 12 މެމްބަރުންނަށް ހެއްދެވި ގޮތާއި މިއަދު ވެރިކަންކުރާ ޕާޓީން މެމްބަރުން އިސްތިއުފާ ދެއްވުމުން ކަންހިނގާ ގޮތް ވަރަށް ތަފާތުަކަމަށް މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރ މުހައްމަދު އަމީތަކީ ރައީސް ޔާމިންގެ ވެރިކަމުގައި ޕީޕީއެމާއި ދެކޮޅަށް ނުކުތުމުން ޕާޓީން ވަކިކޮށް ގޮނޑި ގެއްލިވާލި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ. ޕާޓީން ކަނޑާލުމުން ގޮނޑިގެއްލުނީ އޭރު ގާނޫނަށް ގެނެސްފައިވާ ބަދަލުތަކެއްގެ ސަބަބުންނެވެ.

މިއަދުވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން އެފަދަ މަންޒަރުތަކެއް ދަނީ ފެންނަމުންނެވެ. އެގޮތުން ވެރިކަން ކުރާ އެމްޑީޕީގެ 12 މެމްބަރަކު ވަނީ ޕާޓީން ވަކިވެފައެވެ. އަދި މިކަމާއި ގުޅިގެން ބައެއް ބޭފުޅުން ގެންދަވަނީ މިއީ 2018ގައި ފެނުނު މަންޒަރާއި ދާދި އެއްކަހަލަ މަންޒަރުތަކެއްކަމަށް ސިފަކުރަށްވަމުންނެވެ.

ނަމަވެސް ޕީޕީއެމުން ކަނޑާލި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މުހައްމަދު އަމީތު ވިދާޅުވީ ކުރިން ކަންކަން ހިނގި ގޮތާއި މިއަދު ކަންކަން ހިނގާގޮތް ވަރަށް ތަފާތުަކަމަށެވެ.

އަމީތު ވިދާޅުވީ މިހާރު 12 މެމްބަރުން އެމްޑީޕީ ދޫކޮށް އާ ސިޔާސީ ޕާޓީއެއް އުފައްދައި، ރައީސް އަޒުލުކުރުމަށް ސޮއިކުރުމަކުން ވެސް މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭކަމަށެވެ.

"ސިފައިން މަޖިލީހަށް ވަދެ، އެ މެމްބަރުން ދޮރާށިމަތިން ބޭރަށް އުކައެއްވެސް ނުލާ." އަމީތު ވިދާޅުވިއެވެ.

އާމިތު ވަނީ އޭރާއި މިހާރު ކަންކަން ހިނގާ އުސޫލު ވަރަށް ތަފާތު ކަމަށް ވިދާޅުވެ އެކަމާއިމެދު ފުންކޮށް ވިސްނާވަޑައިގެންނެވުމަށް އެދިވަޑައިގެންފައެވެ.



އެމްޑީޕީގެ 12 މެމްބަރަކު ޕާޓީން ވަކިވެ އައު ޕާޓީއެއް އުފެއްދުމުގެ

މަސައްކަތް ވަނީ ފަށާފައެެވެ. ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އެމްޑީޕީގެ ބައެއް މެމްބަރުން ފެށީ އެ ބޭފުޅުންގެ އަމިއްލަ ޕާޓީގެ ވެރިކަމާ ދެކޮޅަށް ނުކުމެވަޑައިގެން ޕާޓީގެ އުސޫލުތަކާ ޚިލާފުމުން އެބޭފުޅުންނާމެދު ފިޔަވަޅު އަޅަން ފެށުމުންނެވެ.

ޕީޕީއެމްގެ ވެރިކަމުގައިވެސް 12 މެންބަރުންނަށް ފިޔަވަޅު އެޅީ ޕާޓީގެ އުސޫލުތަކާއި ހިލާފަށް މަސައްކަތް ކުރައްވާކަމަށް ބުނެއެވެ. ނަމަވެސް އޭރު ޕީޕީއެމުން އެފިޔަވަޅު އެޅީ ޕާޓީން ވަކިވުމުން ނުވަތަ ފްލޯ ކްރޮސް ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހެއް ގެނަސްގެންނެވެ.



ކިޔުންތެރިންގެ ހިޔާލު