އީޕީއޭގެ މޮނިޓަރިން އެންޑް ރީސާޗް މަސައްކަތްތަކަށް ހާއްސަ ކުރެވިގެން ބަންނަ އުޅަނދު "ތިމާވެށީގެ" މަސައްކަތް ނިމި ރާއްޖެ ގެނަމުއުމުގެ މަސައްކަތް ފަށައިފިއެވެ.

މިގޮތުން އުޅަނދުގެ އަމަލީ މަސައްކަތްނިމި އިންސްޕެކްޝަން އަދި ސީޓްރައިލް ގެ މަސައްކަތް އީޕީއޭ އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒިފުން ހިމެނޭ ޓީމަކުން ވަނީ އިންޑިޔާގެ ގޯއާގައި ކުރިއަށް ގެންގޮސްފައެވެ.

ކަޓަމަރައިން ޑިޒައިނަށް ފައިބަރުން ބަނދެފައިވާ މި 100 ފޫޓްގެ އުޅަނދަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ކުރިއަށްދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން ހަރަދުކޮށްގެން އިންޓަނޭޝަނަލް ބިޑިންގެ އުސޫލުން ބީލަން ކާމިޔާބުކުރި އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ ވިޖޭއި މެރައިން ޝިޕްޔާރޑާއި ހަވާލުކޮށްގެން ބަނދެފައިވާ އުޅަނދެކެވެ.

ތިމާވެށީގެ ދާއިރާއިން ފަންނީ އަދި އިލްމީ ދިރާސާތަކުގެ ބޭނުންކުރުމުގެ މަގުސަދުގައި ތައްޔާރުކުރި މިއުޅަނދު ހަރަކާތްތެރިވާނީ ރާއްޖޭގެ ކަނޑުތަކުގައެވެ.

އުޅަނދުގެ މެއިން ޑެކްގައި 3 މީހުންގެ ޖާގައިގެ 2 ކޮޓަރި ފާހަނަޔާއެކު އަދި ކާތަނެއްގެ އިތުރުން ބަނދިގެޔެއް ހިމެނެއެވެ. ހަމަ މި ޑެކްގައި މަސައްކަތަށް ހާއްސަކުރެވިފައިވާ ޖާގައިގެ އިތުރަށް ވެޓްލެބް, ޑްރައި ލެބް, އަދި ޑައިވިން ކޮމްޕްރެސަރ ރޫމެއްވެސް ހިމެނެއެވެ.

މީގެ އިތުރުން މަތީ ޑެކްގައި ވީލް ހައުސްގެ އިތުރަށް މާސްޓަރ އަދި އިންޖިނިއަރ އަށް ހާއްސަ ރޫމަކާއި އިތުރު 4 މީހުންގެ ޖާގައިގެ 3ކޮޓަރި ހިމެނެއެވެ. މި އުޅަނދާއެކު އިމަރޖޭންސީގައި ބޭނުންކުރުމަށް ހާއްސަ ޑިންގީއެއްވެސް ހިމެނެއެވެ.

"ތިމާވެށީގެ" ފަޅުވެރިންގެގޮތުގައި މަސައްކަތްކުރާނެ ފަރާތްތައް ހޯދުމަށް އީޕީއޭއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

މި އުޅަނދު ދިވެހި ސަރުކާރާއި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އިންސްޕެކްޝަން އަދި ޓްރަޔަލް ގެ މަސައްކަތްނިމި ރާއްޖެ ގެނެސް އެކަމަށް ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ. މިވަގުތު ބޯޓް އޮތީ ކޮންޓްރެކްޓަރ ވިޖޭ މެރައިން ގެ ބެލުމުގެ ދަށުގައެވެ.

"ތިމާވެށި" ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ މި ހިނގާ މެއި މަހުގެ ފަހުކޮޅުގައެވެ.



ކިޔުންތެރިންގެ ހިޔާލު