ނ. މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު (ހަސަންބެ)، މަރާލި މައްސަލައިގައި ކުށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލާފައިވާ ދެ މީހުންގެ ތެރޭގައި ހިމެނޭ ނައުޝާދު ޕެރޯލްގެ ދަށުން ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.

މިކަމާއި ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފައިވަނީ ގ. އިރުފާ އަހްމަދު ނައުޝާދު ޕެރޯލްގެ ފުރުސަތަށް އެދި، ހުރިހާ ޝަރުތެއް ފުރިހަމަވުމުން، ޕެރޯލް ބޯޑުން އޭނާ މުޖްތަމައަށް ނެރެފައިވަނީ ވަކި މުއްދަތަކަށް ޝަރުތުތަކެއްގެ މަތިން ކަމަށެވެ. އަދި އޭނާ މިނިވަން ވާނީ އެ މުއްދަތުގައި ހުރިހާ ޝަރުތުތަކެއް ފުރިހަމަ ކުރުމުން ކަމަށް ކަރެކްޝަނުން ބުނެއެވެ.

ހަސަންބެގެ މަރުގެ މައްސަލައިގައި އުމުރަށް ޖަލަށް ލުމަށް ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ ގ. އިރުފާ މުހައްމަދު ނައުޝާދާއި ލ. އިސްދޫ އެވަލާސްޓް މުހައްމަދު ފައިސަލެވެ. އެ ދެ މީހުންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހުއެވެ.

މައްސަލަ އެ ދެމީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަަމަށް 2017ވަނަ އަހަރު އެ ކޯޓުން ވަނީ ނިންމައިފައެވެ.

އުމުރުން 65 އަހަރުގެ ހަސަން އަބޫބަކުރުގެ އަނގަމަތީގައި ޓީޝާޓެއް އަޅައި، ލޯމަތީގައި ބާލީހެއް އަޅައި، އިންސިއުލޭޝަން ޓޭޕުން ދެ އަތްބަދެ މަރާލާފައި އޮއްވައި ފެނުނީ 2012 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މި ދެ މީހުންނާއި އިތުރު މީހަކު ބައިވެރިވެގެން، 2012 ވަނަ އަހަރުގެ މެއި 29 ވަނަ ދުވަހުގެ ރޭ، ހިތްފަސޭހަގެއިން ވައްކަން ކުރުމަށް ރާވައި، ހަސަންބެ ނިދާފައި އޮއްވައި އެ ގެއަށް ވަގަށް ވަދެ ހަސަންބެ ރަހީނުކުރީއެވެ.

އެގޮތުން، ހަސަންބެގެ އަނގަމަތީގައި މުހައްމަދު ފައިސަލް ޓީޝާޓެއް އަޅައި، ލޯމަތީގައި ބާލީހެއް އެޅި ކަމަށް ދައުވާގައި ވެއެވެ. އަދި އަހުމަދު ނައުޝާދާއި އިތުރު މީހަކު ވެގެން އިންސިއުލޭޝަން ޓޭޕުން ހަސަންބެގެ އަތްފައި ބަނދެ، އޭނާ ރަހީނުކުރި ކަމަށް ވެސް ދައުވާގައިވެއެވެ. އެ މީހުންގެ މައްޗަށް ދައުވާކުރީ، ހަސަންބެ މަރުވީ އެމީހުންގެ އެ އަމަލުގެ ސަބަބުން ކަމަށް ބުނެއެވެ.

ހަސަންބެގެ މަރާ ގުޅިގެން ނައުޝާދާއި ފައިސަލްގެ އިތުރުން ކުޑަކުއްޖަކަށް ވެސް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު