އިދިކޮޅުގައި އިޤްތިޞާދު މެނޭޖްކުރެވޭނެ ޤާބިލު ބަޔަކު ނެތްކަމަށާއި އިދިކޮޅު ޕާޓީތައް އެއްކޮށްލައިގެންވެސް ރައީސް ޞާލިހުގެ ޓީމާ ވާދަނުކުރެވޭނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އައްޑޫ ޝަރީފް ވިދާޅުވީ ކޯވިޑްގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިގަންނަމުންދާއިރު ރައްޔިތުންގެ އުއްމީދުތައް ވަރަށް ބޮޑުކަމަށެވެ. އެހެންކަމުން އިޤްތިޞާދު ރަނގަޅަށް މެނޭޖްކުރެވޭނެވަރުގެ ބަޔަކު ބޭނުންވާކަމަށާއި، ރައީސް ސާލިހުގެ ސަރުކާރުން ވަނީ އިޤްތިޞާދު ރަނގަޅަށް ކުރިއަށްގެންދެވޭނެކަން ސާބިތުކޮށްދެއްވާފައި ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ހަރުދަނާ އުސޫލެއްގެ ތެރެއިން އިޤްތިޞާދީ ކަންކަން ކުރިއަށްގެންދާނެ ބަޔަކު ބޭނުންވާއިރު، އިދިކޮޅު ޕާޓީތައް އެއްކޮށްލިނަމަވެސް އެ ވަރުގެ ޤާބިލް ބަޔަކު ނުފެންނަކަމަށެވެ.



ޝަރީފް ވިދާޅުވީ އިޤްތިޞާދު މެނޭޖްކުރަން ނޭނގޭ ބަޔަކަށް ވެރިކަން ދީގެން ޤައުމު ކުރިއަށްގެންދާނެ ޖާގަ ރައްޔިތުން ނުދޭނެކަަމަށެވެ. އަދި ސަރުކާރު ހިންގަންޖެހޭނީ ހުރިހާ ޕްރެޝަރުތަކަކާއެކުވެސް ކަންކަން މެނޭޖްކުރުމުގެ ޤާބިލްކަން ހުރި ފަރާތްތަކުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުން ހޯދަމުންދާ އިޤްތިޞާދީ ކުރިއެރުންތަކަށް ޝަރީފް ތައުރީފްކުރެއްވިއިރު، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ދަނީ ރާއްޖެއިން ހޯދަމުންދާ އިޤްތިޞާދީ ކުރިއެރުންތައް ފާހަގަކުރަމުންނެވެ.

ވޯލްޑް ބެންކާއި އައިއެމްއެފުން ބުނާގޮތުން ރާއްޖެއަކީ މި ސަރަހައްދުގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިޤްތިޞާދެވެ. އެގޮތުން މިއަހަރުވެސް ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 6 އިންސައްތައިގައި ހުންނާނެކަމަށް އެ ފަރާތްތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު