100000 ރުފިޔާއާ ހަމައަށް މާލީ އެހީ ލިބޭ ޕްރޮގްރާމެއް އިކޮނޮމިކް މިނިސްޓްރީން ތައާރަފްކޮށްފިއެވެ.

މިއަދު އިފްތިތާހުކޮށްފައިވަނީ ގްރާންޓްސް ފޮރ ވިމެން ލެޑް ބިޒްނަސަސް އަދި ގްރާންޓްސް ފޮރ ޓެއިލަރިން ބިޒްނަސަސްގެ ނަމުގައި މާލީ އެހީދޭ ދެ ޕްރޮގްރާމެވެ. މިއީ އަންހެނުން ހިންގާ ވިޔަފާރިތަކާއި ފެހުމުގެ ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފްކުރި ދެ ޕްރޮގްރާމެވެ.

މި ޕްރޮގްރާމްތައް އިފްތިތާހުކޮށްފައިވަނީ އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.



އިކޮނޮމިކް މިނިސްޓްރީން ބުނީ މާލެ، އައްޑޫ، ފުވައްމުލަށް އަދި ކުޅުދުއްފުށި ހިމެނޭގޮތަށް އެންމެ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ޖުމްލަ 200 ފުރުސަތު މި ޕްރޮގްރާމްގައި ހިމެނޭކަމަށެވެ. އަދި ކޮންމެ ފަރާތަކަށް އެއްލައްކަ ރުފިޔާއާ ހަމަޔަށް މާލީ އެހީ މި ޕްރޮގްރާމްގެ ދަށުން ހުޅުވާލެވިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުން ގެންދަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ފަރާތްތަކަށް ލޯނު ދިނުމަށް ހާއްސަ ބެންކެއް ވަނީ ޤާއިމްކޮށްފައެވެ. އަދި މާލެއާއި ރަށްރަށުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިކޮނޮމިކް މިިނިސްޓްރީގެ ދަށުން އެކި މަރުކަޒުތައް ދަނީ ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު