ޤައުމު ހިންގުމުގައި އިސް ސަފުގައި ފެންނަނީ ވިލާ ފައުންޑޭޝަންގެ އެހީއާއެކު ތައުލީމް ހާސިލްކުރެއްވި ބޭފުޅުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރ އަދި ކުރީގެ ޔޫތު މިނިސްްޓަރ އިރުތިޝާމް ވިދާޅުވެއްޖެއެވެ.

އިރުތިޝާމް މިއަދު ވަނީ މީހުން ބިނާކުރުމަށް ގާސިމް އިބްރާހިމް އުފައްދާފައިވާ ވިލާ ފައުންޑޭޝަނުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ބައެއް ހަގީގަތްތައް މީސްމީޑިއާގައި ހިއްސާ ކުރަށްވާފައެވެ.

އިރުތިޝާމް ވިދާޅުވީ ގައުމުގެ އިޖްތިމާއީ ތަރައްގީއަށް ގާސިމް އިބްރާހިމްގެ ފަރާތުން ދެއްވާފައިވާ އެހީތެރިކަން ތައުލީމީ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތުންވެސް ހާމަވާ ކަމަށެވެ.

އިރުތިޝާމް ވިދާޅުވީ އޭނާއަކީވެސް ވިލާ ފައުންޑޭޝަންގެ އެހީއާއެކު 1999 ވަނަ އަހަރު ސްކޮލަރޝިޕެއްގައި ތައުލީމް ހާސިލްކުރައްވަން ފެއްޓެވުމަށްފަހު، 2001 ވަނަ އަހަރު ކާމިޔާބުކަމާއެކު މާސްޓަރސް އޮފް ޑިޕްލޮމެޓިކް ސްޓަޑީޒް ފުރިހަމަކުރެއްވި ބޭފުޅެއްކަމަށެވެ.

އިރުތިޝާމް ވިދާޅުވީ އޭނާގެ އިތުރުންވެސް ގިނަ ބަޔަކު ވިލާގެ އެހީގެ ދަށުން ތައުލީމް ހާސިލުކޮށް ގައުމުގެ ހިންގުމުގެ ދާއިރާގައި ހަރަކާތްތެރި ވެވަޑައިގަންނަވަމުންދާ ކަމަށެވެ. އޭގެތެރޭގައި ނާއިބު ރައީސުންނާއި، މިނިސްޓަރުންނާއި، ފަނޑިޔާރުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ގާސިމްގެ އެހީއާއެކު ތައުލީމް ހާސިލު ކުރެއްވި ބޭފުޅުން އެބަ ތިއްބެވިކަން އިރުތިޝާމް ފާހަގަކުރެއްވިއެވެ.



ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމަކީ، ޖަމާޢަތަށް ފައިދާހުރި ވަރަށްގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން އެމަނިކުފާނު ގެނަދަވަނީ ތަޢުލީމީ ދާއިރާއިންނާއި، ޞިއްޙީ ދާއިރާއިންނާއި، އިޖްތިމާޢީ ދާއިރާއިން މުހިންމު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެއްވައި ގިނަ ބަޔަކަށް ދީލަތި އެހީތައް ފޯރުކޮށްދެއްވަމުންނެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު ރާއްޖޭގެ ބައެއް ރަށްރަށުގައި ސްކޫލް، މަދަރުސާއާއި ޕްރީސްކޫލްފަދަ ތަންތަނާއި ޤުރްއާން ކިޔަވައިދޭ ތަންތަން، ގާސިމްގެ އަމިއްލަ ޚަރަދުގައި ޢިމާރާތްކޮށްދެއްވައި ބިނާ ކުތަށްވާފައިވެއެވެ.

މަތީ ތަޢުލީމުގެ ފުރުސަތު، ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ދަރިވަރުންނަށް ހޯއްދަވައިދެއްވުމުގެ ގޮތުން ވިލާ ސްކޮލަރޝިޕް ސްކީމް 2000 ވަނަ އަހަރު ފަށްޓަވައި 2003 ވަނަ އަހަރު ވިލާ ފައުންޑޭޝަން އުފެއްދެވިއެވެ.

އޭވިއޭޝަން ދާއިރާއަށް މީހުން ބިނާކުރެއްވުމުގެ މަސައްކަތް ފަށްޓަވައި، ޚާއްޞަކޮށް ޕައިލެޓުން ތަމްރީނުކުރައްވައި އެއަރކްރާފްޓް މެއިންޓެނަންސް އެންޖިނިއަރިންގގެ ދާއިރާއިން މިއަދާ ހަމައަށް ގިނަބަޔަކަށްވަނީ ފުރުޞަތު ހޯއްދަވައިދެއްވާފައެވެ.

މަތީ ތަޢުލީމުގެ ފުރުޞަތު ގިނަބަޔަކަށް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި ބޭރުގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއެކު ޚާއްޞަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައި، އެ ފުރުޞަތުތައް ހޯއްދަވައިދެއްވަމުން ގެންދަވާފައިވެއެވެ. އަދި ވިލާ ކޮލެޖުގެ ދަށުން ތިން ފެކަލްޓީއެއް ޤާއިމުކުރައްވައި، އެ ފެކަލްޓީތަކުގެ ޚިދުމަތް ދެއްވަންވަނީ ފަށްޓަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު