ދަރަނިން ސަލާމަތްވެފައިވާ ގައުމަކަށް ދިވެހި ގައުމު ހެދުމަށް ޖުމްހޫރީ ޕާޓީއާ ގުޅިގެން އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް ވީހާވެސް ގިނަ ބަޔަކު ޖުމްހޫރީ ޕާޓީއާ ގުޅުމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ޤާސިމް މިފަދައިން ގޮވާލެއްވީ 282 މީހަކު ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުމުން އެކަމަށް މަރުހަބާ ވިދާޅުވެ ފޮނުއްވި މެސެޖެެއްގައެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ ގައުމަށް ތަރައްގީއާއި ހަމަޖެހުން ގެނައުމަށް ދިވެހި ރައްޔިތުން އެމަނިކުފާނާއި ބައިއަތު ހިފުމަށް އެދިވަޑައިގެންފައެވެ.



”ގައުމުގެ ކުރިމަގު އުޖާލާކޮށް، ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްގީ ގެނެސް، ދަރަނިން ސަލާމަތްވެފައިވާ ގައުމަކަށް ދިވެހި ގައުމު ހެދުމަށް، އަޅުގަނޑުމެންނާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދެން.“ އާ ގާނޫނު އަސާސީ އަށްފަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުތަކުގައި ވެރިކަމަށް އައި ހުރިހާ ސަރުކާރުތަކެއް ވެރިކަމަށް ގެނައުމުގައި އިސް ދައުރެއް އަދާކުރަށްވާފައިވާ ގާސިމް ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީއާއި އަލަށް ގުޅުނު 282 މެމްބަރުންނަކީ އއ.ތޮއްޑޫ ދާއިރާއިންނާއި މަތިވެރި ދާއިރާއިންނާއި ހއ.ދިއްދޫ ދާއިރާއިންނާއި ހދ.މަކުނުދޫ ދާއިރާއިންނާއި ގަލޮޅު އުތުރު ދާއިރާއިންނާއި ރ.އުނގޫފާރު ދާއިރާއިންނާއި ރ.ދުވާފަރު ދާއިރާއިންނާއި މާފަންނު ހުޅަނގު ދާއިރާއިންނާއި ށ.ކަނޑިތީމު ދާއިރާއިން ގުޅުނު މީހުންނެެވެ.

ޤާސިމް ވަނީ އެޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް މަސައްކަތް ކޮށްދިނުމުގައި ބައިވެރިވި ޕާޓީގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ފަހަކަށް އައިސް ޖުމުހޫރީ ޕާޓީއާއި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ގުޅެމުންނެެވެ. ޖުމުހޫރީ ޕާޓީ އަކީ ރާއްޖޭގައި ތިން ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއެެވެ.



ކިޔުންތެރިންގެ ހިޔާލު