ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެމްބަރުންތަކެއް ޕާޓީން ވަކިވެވަޑައިގަތީ ސަރުކާރުގެ ތެރެއިން ނާޖާއިޒު ފައިދާ ހޯދުމަށް ފުރުސަތު ނުދިނުމުން ކަމަށް ރައްޔިތުން މަޖިލީހުގެ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މިއަދު ވިދާޅުވީ އެމްޑީޕީ ދޫކޮށް ވަޑައިގެންނެވި ބޭފުޅުން ބަހަނާ އަކަށް ދައްކަނީ މި ސަރުކާރުގެ ކޮރަޕްޓް ވާހަކަ ކަމަށެވެ. އެހެން ނަމަވެސް އެ ޕާޓީގެ މަޖިލިސް މެމްބަރުންތަކެއް ޕާޓީން ވަކިވެވަޑައިގަތީ ސަރުކާރުގެ ތެރެއިން އެބޭފުޅުން ނަގަން ބޭނުންވި ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ނުލިބުމުން ކަމަށް ގަސަމް ވިދާޅުވިއެވެ.



"ބަޔަކު ކޮންމެ ވާހަކައެއް ދެއްކިއަސް ހަގީގަތަކީ ރައީސް އިބޫ އަކީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުންނަށް ހެއު ވެރިކަމެއް ކޮށްދެއްވާ ވެރިއެއް،" އެމްޑީޕީގެ އިސްލާހީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެޑައިގެންފައިވާ ގަސަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި މަސައްކަތް ކުރައްވާ 12 މަޖިލިސް މެމްބަރަކު ވަނީ އެމްޑީޕީން އިސްތިއުފާ ދެއްވާފައެވެ. އެ މެމްބަރުން މިހާރު ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމައި ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން ނިންމާފައިވާކަން ވެސް އިއުލާންކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު