އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފައްދަން މަސައްކަތްކުރާ ޕާޓީގެ ތަރުޖަމާނަކަށް އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ހަމަޖައްސައިފިއެވެ.

މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ޕާޓީން ވަކިވި ރައީސް ނަޝީދަށް ތާއިދުކުރާ 12 މެމްބަރަކު ދަނީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އަލަށް ރަޖިސްޓަރީ ކުރުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީއާގުޅޭ ކަންކަމުގެ ސްޕޯކްސްޕާސަނަކަށް އަފްޝަން ލަތީފް ހަމަޖައްސާފައިވާކަމަށެވެ.



އަފްޝަން އެންމެފަހުން އަދާކުރެއްވީ އެލްޖީއޭގެ ސީއީއޯގެ މަގާމެވެ. އެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ އިސްތިއުފާދެއްވާފައެވެ. އަދި އެމަގާމުގެ އިތުރުން އޭނާ ވަނީ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި އެމްޑީޕީގެ ބައެއް އިންތިހާބުތަކާއި ބެހޭ ތަރުޖަމާނެއްގެ މަގާމުވެސް އަދާކުރައްވާފައެވެ.

އެމްޑީޕީން ވަކިވެގެންދިޔަ ފިކުރެއްގެ ދިރުމުގެ ބޭފުޅުން އުފައްދާ ޕާޓީއަށް ކިޔާނެ ނަމެއް ހޯދަން މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ޕާޓީގެ ކަންކަމާއި މެދު މަޝްވަރާކުރުމަށް މިރޭ ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު