ޗާގޯސް މައްސަލަ ކޯޓުގައި ހިނގަމުން ދިޔައިރު ރާއްޖޭގެ ސިޔާދަތީ ބާރު އެ ރަށަށް އޮތްކަމަށް ބުނާ ވަކީލުން އަޅާނުލާ ތިބީ ކީއްވެތޯއޭ ވިދާޅުވެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ސުވާލުތަކެއްް ކުރިމަތިކުރައްވައިފިއެވެ.

ޝަރީފްގެ ސުވާލުތައް ކުރިމަތި ކުރުވާފައިވަނީ ކުރީގެ 3 ބަންޑާރަ ނައިބުންކަމަށްވާ، ޑރ. މުހައްމަދު މުނައްވަރު، ދިޔާނާ ސައީދު އަދި އައިޝަތު އާޒިމާ ޝަކުރާއެެވެ. މި ބޭފުޅުންނަކީ ޗާގޯސް މައްސަލާގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅުންވެސްމެއެވެ.

ޝަރީފް މިއަދު ވިދާޅުވީ ރާއްޖެއިން ބައެއް ގެއްލުނީ ރައީސް ފޮނުއްވި ސިޓީއަކުންކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫންކަމަށެވެ. އަދި އެކަން ސާބިތުކޮށްދޭން ރައީސް ފޮނުއްވި ކަމަށް ބުނާ ސިޓީ މަޖިލީހަށް ފޮނުވަން އެދިވަޑައިގަންނަވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



"(ސިޓީ ގެންނަން އެދެނީ) ސަރަހައްދުން ބައެއް ނުގެއްލޭކަން ނޭނގެތީއަކީވެސް ނޫން. ފިތުނަ އާއި ނަފުރަތު އުފަށްދަން ބަޔަކު މިދައްކާ ވާހަކައަށް ރަށްދު ދޭން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ޗާގޯސް މައްސަލަ ކޯޓުގައި ހިނގަމުން ދިޔައިރު ރާއްޖޭގެ ސިޔާދަތީ ބާރު އެ ރަށަށް އޮތްކަމަށް ބުނާ، ކުރީގެ 3 ބަންޑާރަ ނައިބުން އެކަމާއި އަޅާނުލާ ތިބީ ކީއްވެތޯ ވިދާޅުވެ، ސުވާލު ކުރައްވާފައެވެ. އަދި އެކަމުގެ ޒިންމާ އެ ބޭފުޅުން ނަގަންޖެހޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޗާގޯސްގެ ވާހަކަދައްކަނީވެސް ރައީސް ސާލީހަށް އޮތް ތާއީދު ފެނިފައި އެކަން ހަޖަމްނުވާތީކަމަށެވެ. އަދި އެއީ ރައީސް ސާލިހުގެ އަގު ވައްޓާލަން ކުރާ މަސައްކަތެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު