މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން މިފްކޯގެ މަސްކިރުވުމުގެ ކެޕޭސިޓީ 6 ގުނަ އިތުރުކުރެވިއްޖެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިފްކޯއަށް އަލަށް ގެނައި ޖަޒީރާ 103 ބޯޓުން މަސް ކިރުވަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އަމީރު ވިދާޅުވީ ކުރީގެ ސަރުކާރު ވެރިކަމުން ފޭބިއިރު މިފްކޯގެ ކެޕޭސިޓީ ހުރީ އެންމެ 1727 ޓަނުގައިކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު މި ކެޕޭސިޓީ ވަނީ 4707 މެޓްރިކް ޓަނަށް އިތުރުކުރެވިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ "ޖަޒީރާ 103" ބޯޓާއިއެކު މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ 5027 މެޓްރިކް ޓަނަށް އިތުރުވިގެންދާނެކަމަށެވެ. އަދި މިއަހަރު އިތުރު 3 އުޅަނދު ރާއްޖެ ގެނެސް މިފްކޯގެ ކެޕޭސިޓީ 5887 މެޓްރިކް ޓަނަށް އިރުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



"2018 ވަނަ އަހަރު ނިމުނުއިރު ހުރި ކެޕޭސިޓީއާއި އަޅާބަލާއިރު މިހާރު މިވަނީ ގާތްގަނޑަކަށް 241 އިންސައްތައިން ކުރިއަރާފައި." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިފްކޯއިން މަސްކިރުމަށް ބޭނުންކުރަން ފަށާފައިވާ ޖަޒީރާ 103 ބޯޓަކީ އެއްފަހަރާ 120 ޓަނުގެ މަސް ކިރުވައި، 420 ޓަނުގެ މަސް ރައްކާކުރެވޭ ޖާގައިގެ ބޯޓެކެވެ.

މި ބޯޓާއެކު ދެކުނުގެ މަސްވެރިންނަށް މަސްކިރުވުމަށް ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެެވެ.



ކިޔުންތެރިންގެ ހިޔާލު