މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތް ނިމޭއިރު ދާއިމީ ގޮތެެއްގައި މަސްވެރިންނަށް މަންފާ ލިބޭނެ ސިޔާސަތުތަކެއް ތަންފީޒު ވެެގެންދާނެ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވެވަޑަައިގަންްނަވާ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވިދާޅުވީ މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެކަން ދިވެހި މަސްވެރިން ގަބޫލުކުރާ ކަމަށެވެ.

އެގޮތުން މަސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ހައްލަކީ ސްޓޯރޭޖް ބޮޑުކުރުމާއި ކެޕޭސިޓީ އިތުރުކޮށް ކޭން ފެކްޓްރީތަކުގައި މަސައްކަތް ކުރާ ވަގުތު އިތުރުކޮށް ކެޕޭސިޓީ ބޮޑުކުރުން ކަމަށާއި އެމަސައްކަތްތަށް ސަރުކާރުން ކުރަމުންދާ ކަމަށް ރިޒާ ވިދާޅުވިއެވެ.

މީގެ އިތުރުން ރިޒާ ވިދާޅުވީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި މަސްވެރިންނަށް ވަރަށް ގިނަ ވައުދުތަކެއްވެ އުއްމީދު ތަކެއް ދިން ކަމަށާއި އެއިން އެއްވެސް ކަމެއް ނުކުރެވުނު ކަމަށެެވެ. ޔާމިންގެ ސަރުކާރުން މަސްވެރިންނަށް ކޮށްދިން ކަމަކީ ތެލުން އިތުރަށް ޑިއުޓީ ނަގަން ފެށުން ކަމަށް ރިޒާ ވިދާޅުވިއެވެެ. އަދި ކުރީގެ ސަރުކާރުން ވެރިކަމަށް އައުމަށް ކުރި ކެމްޕޭންގައި "ބެޔަސް ނުބެޔަސް ދިހަ ހާސް" ރުފިޔާ ދޭން ވައުދުވުމަށްފަހު ވެރިކަމުގެ ދައުރު ހަމަވެގެންދިޔައިރުވެސް އެއިން ފައިސާ އެއް މަސްވެރިއަކަށް ލިބިފައިނުވާ ކަމަށް ރިޒާ ވިދާޅުވިއެވެ.

"އެ ހަގީގަތަށް ފަސްއަޅައި ފޮރުވާން މިއަދު އެކި އެކި ގަރާރުތަކަށް ބަހުސްކޮށް ވާހަކަ ދެއްކިއަސް މަސްވެރިންނަށް އެ ހަގީގަތެއް ނޯޅޭނެ، އިރާދަކުރެއްވިޔާ މި ސަރުކާރުން ފަށާފައިވާ މި މަސައްކަތްތައް ނިމިގެންދާއިރު ދާއިމީ ގޮތެއްގައި މަސްވެރިންނަށް މަންފާ ލިބޭނެ ސިޔާސަތުތަކެއް ތަންފީޒުވެގެންދާނެ،" ރިޒާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު