އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް ޕާޓީ ދޫކޮށް ވަޑައިގަތުމަކީ އެޕާޓީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޗެލެންޖެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި މަސައްކަތް ކުރައްވާ 12 މަޖިލިސް މެމްބަރަކު އިއްޔެ ވަނީ އެމްޑީޕީން އިސްތިއުފާ ދެއްވާފައެވެ. އެ މެމްބަރުން މިހާރު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމައި ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން ނިންމާފައިކަން އިއުލާންކޮށްފައެެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ ޚިޔާލު ތަފާތުވުންތަކެއްގައި ޕާޓީގެ މެމްބަރުންތަކެއް ވަކިވެވަޑައިގަތުމަކީ ރައީސަށް އޮތް ޗެލެންޖެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ ތާއީދު ރައީސް ސާލިހަށް އޮތްތަން ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށް މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސްގެ ރިޔާސީ ކެމްޕެއިން ވަރަށް ވަރުގަދަކޮށް ކުރިއަށްދާ ކަމަށެވެ. އަދި ރައީސްގެ އަމާޒު އަބަދުވެސް ހުންނާނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށް މިއުވާން ވިދާޅުވިއެވެ.

"ރައީސް ހުންނެވީ ވަރަށް ވަރުގަދަކޮށް، ޕާޓީގެ ތާއީދު އެބައޮތް." މިއުވާން ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު