ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް އުފެއްދުމަށްޓަކައި ޒަޔަނިސްޓު ބާރުތަކުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް 1948 މޭ 14ގައި ފެށި ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް އެޙާދިސާ ހިނގިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން އ.ދ.ގެ މައި-މަރުކަޒުގައި ބޭއްވި ޖަލްސާގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރުކުރައްވައިފިއެވެ.



އިޒްރޭލުގެ ބާރުތަކުން 1948ގައި ފެށި ލާއިންސާނީ ޢަމަލުތަކުގައި އެތައް ލައްކަ ފަލަސްޠީނު ރައްޔިތުންނެއް މަޖުބޫރުކަމާއެކު އެމީހުންގެ ޤައުމުން ނެރެ ފަލަސްޠީނުގެ އެތައް ސަތޭކަ އަވަށެއް ފަޅުކޮށް، އެތައް ހާސް ފަލަސްޠީނު ރައްޔިތުންނެއް ވަނީ ޝަހީދުކޮށްލާފައެވެ. މިޙާދިސާއަށް ފަލަސްޠީނުގައި ކިޔައި އުޅެނީ ނަކްބާއެވެ. މިއީ ނަކްބާ ފާހަގަކޮށް އެކަންކަމާ ދެކޮޅަށް އ.ދ.ގެ މައި މަރުކަޒުގައި ޚާއްސަ އިޙްތިފާލެއް ބޭއްވި ފުރަތަމަ ފަހަރެވެ.



އިޒްރޭލުން ނަކްބާގައި ހިންގި ޢަމަލުތައް ކުށްވެރިކޮށް އެ ލާއިންސާނީ ޢަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން ނަކްބާއަށް 75އަހަރު ފުރޭ ދުވަސް މޭ 15ގައި ފާހަގަކުރުމަށް އ.ދ.ގެ ޢާއްމު މަޖިލީހުގެ 77ވަނަ ސެޝަނުގައި ވަނީ ފާސްކޮށްފައެވެ. އެނިންމުމުގެ ދަށުން، ފާއިތުވި ހަފުތާގައި އ.ދ.ގެ މައި މަރުކަޒުގައި ބޭއްވި ޖަލްސާގައި ފަލަސްޠީނުގެ ރައީސް، މަޙުމޫދު ޢައްބާސް ވެސް ބައިވެރިވެވަޑައިގަންނަވައި އ.ދ.ގެ ޢާއްމު މަޖިލީހާ މުޚާތަބުކުރައްވާ ތަޤުރީރުކުރެއްވިއެވެ.



މިޖަލްސާގައި ދިވެހިރާއްޖެއިން ހުށަހެޅި ބަޔާނުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ އުނިނުކުރެވޭނެ ޙައްޤުތައް ހޯދުމަށް އެރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ޝަރުތަކާނުލާ ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ތަކުރާރުކޮށްފައެވެ. އެގޮތުން 1967ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިންތަކުގެ މައްޗަށް ޤާއިމުކޮށްފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން، މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން މިބަޔާނުގައި ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. އަދި މިނިވަން، މުސްތަޤިއްލު، ފަލަސްޠީނެއް ޤާއިމުވުމާ ހަމައަށް ފަލަސްޠީނުގެ ރައްޔިތުންނާއެކު ދެގޮތެއްނުވެ ސާބިތުކަމާއެކު ދިވެހިރާއްޖެއިން ދެމިތިބޭނެކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.



ހަމައެއާއެކު، ދިވެހިރާއްޖޭގެ ބަޔާނުގައި ވަނީ 1948ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ލާއިންސާނީ ޢަމަލުތައް ހުއްޓުމެއް ނެތި ހިންގަމުންދާކަން ފާހަގަކޮށް، އެޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އިޒްރޭލުގެ މިޢަމަލުތަކުގެ ސަބަބުން މެދުއިރުމަތީގައި ޞުލްޙަ ޤާއިމުކުރުމަށް ހުރަސްއެޅޭކަން ފާހަގަކޮށް، ދިވެހިރާއްޖެއިން ވަނީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤާނޫނާ ޚިލާފު ޢަމަލުތައް ވަގުތުން ހުއްޓާލުމަށާއި ޤާނޫނާ ޚިލާފަށް ޣައްޒާ ޙިޞާރުކޮށްގެން ތިބި ތިބުން ހުއްޓާލުމަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ގޮވާލާފައެވެ. މީގެއިތުރުން، ރާއްޖޭގެ ބަޔާނުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޙަރަކާތްތެރިވަމުންދާ އ.ދ.ގެ އެޖެންސީތަކާއި އެހެނިހެން ޖަމިއްޔާ ޖަމާޢާތްތަކަށް އެހީވުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަން ފާހަގަކޮށްފައެވެ.



ނަކްބާއަށް 75އަހަރު ފުރުން އ.ދ.ގައި ފާހަގަކުރުމަށް ގޮވާލައި އ.ދ.ގެ ޢާއްމު މަޖިލީހަށް ހުށަހެޅި ޤަރާރު ފާސްކުރުމަށް ދިވެހިރާއްޖެއިން ވަނީ ވޯޓުދީފައެވެ. މިޤަރާރު ފާސްވެފައިވަނީ އ.ދ.ގެ މެމްބަރު ޤައުމުތަކުގެ ތެރެއިން 90 ޤައުމުގެ ތާއީދާއެކު އެވެ. މިޖަލްސާގެ ބޭނުމަކީ ނަކްބާގެ ޙާދިސާގެ ހަނދާން އައުކޮށް، އެޙާދިސާގައި ގެދޮރުގެއްލި އެހެނިހެން ގޮތްގޮތުން ގެއްލުން ލިބުނު އަދި މިހާރުވެސް އެގެއްލުންތައް ތަޙައްމަލުކުރަމުންދާ ފަލަސްޠީނު ރައްޔިތުންގެ ތަޖުރިބާތަކާއި އިޙުސާސްތައް ޙިއްސާކޮށް އިޒްރޭލުގެ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް އެކަންކަމާ ދެކޮޅުހެދުމެވެ.



ކިޔުންތެރިންގެ ހިޔާލު