ޤައުމަށް ހެޔޮ ބަދަލުތަކެއް އައުމަށް ކުރަމުންދާ އުންމީދުގައި، ޙަޤީޤީ ކުލަތައް ޖެހެން، މާގިނަ ދުވަހެއް ދެން ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު، މިހެން ވިދާޅުވީ ދަރުބާރުގޭގައި މިރޭ ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ތައުލީމު ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ކަމަށެވެ. އެގޮތުން ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ ކޮންމެ ކުއްޖަކަށް ވެސް ރަނގަޅު ތައުލީމު ދީ ރިވެތި އަހުލާގެ މަތީގައި ތަރުބިއްޔަތުކުރުމަށް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ، މި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް ލަހެއްނުވެ ފެންނާނެ. ރާއްޖޭގެ ލޮބުވެތި ދަރިވަރުންގެ ހިތްވަރާއި މިންނެތް މަސައްކަތުން ޤައުމަށް ހެޔޮ ބަދަލުތަކެއް އައުމަށް އަޅުގަނޑުމެން މިކުރާ އުންމީދުގައި، ޙަޤީޤީ ކުލަތައް ޖެހެން، އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއް ދެން ނުނަގާނެ." ރައީސް ސާލިޙު ވިދާޅުވިއެވެ.

ތައުލީމީ ރޮނގުން ކުދިން ހޯދަމުން އަންނަ ނަތީޖާ އިން ސަރުކާރުން ކުރާ މަސައްކަތަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ތައުލީމީ ގޮތުން ކިތަންމެ މައްޗަކަށް ދާން ބޭނުންވާ ކުއްޖަކަށް ވެސް އެ ފުރުސަތު ރާއްޖެ އާއި ރާއްޖެ އިން ބޭރުން ހުޅުވާލާފައިވާ ކަން ފާހަގަކުރަށްވާފައެވެެ. އެމަނިކުފާނު ވަނީ ތައުލީމީ ރޮނގުން ކުރިއަށް ދިއުމަށް ފަހިވެފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފަ އެވެ. ރައީސް ވިދާޅުވީ ސްކޫލުތަކުގެ މުވައްޒަފުންނަށް ތައުލީމީ ދާއިރާގެ ތަޖުރިބާކާރު މީހުންގެ އެހީގައި މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް މިހާރު މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީސްކޫލްތަކުގެ ކިޔެވުން ހަރުދަނާ ކުރުމަށް ރިވިއު އެނަލިސިސްއެއް ހަދާފައިވާ ކަމަށެވެ. އޭގެ ނަތީޖާއަކީ އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވާ ސްކޫލްތައް ފާހަގަވެފައިވުން ކަމަށް އެމަނިކުފާނު ވިދަޅުވިއެވެ. އަދި މި ސަރުކާރުން ތައުލީމް ދިނުމުގައި ވަކި ރަށެއް ތަފާތު ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު