ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުމުން" ސިޔާސީ ޕާޓީއެއް އުފައްދައި ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރެން ނިންމައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ އެމްޑީޕީން މިއަދު ވަކިވެވަޑައިގެންނެވި މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވިދާޅުވީ އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމާފައިވާ ކަމަށެވެ. އަދި އެ ސިޔާސީ ޕާޓީގެ ފަރާތުން މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އެ މެމްބަރުން ވިދާޅުވިއެވެ.

އެހެންނަމަވެސް ފިކުރެއްގެ ދިރުމުން ކެންޑިޑޭޓެއްގެ ގޮތުގައި ނެރެނީ ކޮން ބޭފުޅެއްކަމެއް ހާމައެއް ނުކުރެއެވެ.

މި ނޫސްވެރިންގެ ބަައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ، އަންނަ ހަފުތާގެ ތެރޭގައި އިދާރީ ކަންތައްތައް ހަމަޖައްސައި ފިކުރެއްގެ ދިރުމުން އުފައްދާ ސިޔާސީ ޕާޓީ ރަޖިސްޓްރީކުރަން އެދޭ ފޯމު ހުށަހަޅާނެ ކަމަށެވެ. އޭގެ ފަހުން ޕާޓީއަށް ހަމަކުރަން ޖެހޭ 3،000 މީހުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ފަށައި ޕާޓީ ރަޖިސްޓްރީ ކުރާނެ ކަމަށް ވެސް ލަބީބް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 12 މެމްބަރަކު މިއަދު ވަނީ އެޕާޓީން ވަކިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު