ނޫމަޑި މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާގެ ހުކުމް ކުރުމުގެ އަޑުއެހުން ކްރިމިނަލް ކޯޓުން މާދަމާއަށް ތާވަލުކޮށްފިއެވެ.

ދަޢުލަތުން މުޢިއްޒުގެ މައްޗަށް އުފުލާފައިވަނީ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ހުކުމް އިއްވަން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރު 12:00 އަށެވެ.

މިމައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ޖޫން 25، 2019 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަން އޭޖީ، ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއެއްގެ ގޮތުގައި ހެކިދެއްވާފައި ވަނީ ޑރ. މުއިއްޒު ކަމަށެވެ.

އެގޮތުން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011ގައި ވެފައިވާ އެއްބަސްވުމާއި، 2013ގައި ވެފައިވާ އެއްބަސްވުމުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް މުޢިއްޒުގެ ބަޔާނުގައި ވިދާޅުވިކަމަށް ޕީޖީ އޮފީހުން ފާހަގަކުރިއެވެ. އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ، އެކަމުގައި މުޢިއްޒު ދޮގު ބަޔާނެއް ދެއްވާފައިވާކަންވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ޑރ. މުޢިއްޒު ދޮގު ބަޔާން ދެއްވުމާ ގުޅިގެން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޕީޖީ އޮފީހުން ޚުލާސާބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހުލާސާ ބަޔާން އިއްވަވަމުން ޑރ. މުޢިއްޒުގެ ވަކީލް ވިދާޅުވީ ދަޢުލަތުން އުފުލާފައިވާ ދަޢުވާއަށް އިންކާރު ކުރަށްވާ ކަމަށެވެ. އަދި ޑރ. މުއިއްޒު ދޮގު ބަޔާން ދިންކަމަށްބުނެ އެ ބަޔާނާ ގުޅޭ ކަންކަން ސާބިތު ކުރުމަށް ދައުލަތުން ހުށައަޅާފައިވާ ކިތާބީ ހެކިތަކަކީ އިނގިރޭސި ބަހުން ލިޔެފައިވާ ވިޓްނަސް ސްޓޭޓްމަންޓުތަކެއް ކަމަށާއި، އެ ލިޔުންތަކުގައި ސޮއިކޮށްފައިވަނީ ޑރ. މުއިއްޒުކަން ދައުލަތުން ސާބިތު ކޮށްދޭން ޖެހޭނެކަމަށެވެ.

އޭގެ އިތުރުން ހުވައެއްގެ މަތީގައިހުރެ ދޮގު ބަޔާނެއްދޭ ހާލަތާއި، ހުވައެއްގެ މަތީގައިކަމަށް ނުވާ ހާލަތުގައި ދޭ ބަޔާނާއި ގުޅިގެން ދައުވާ އުފުލަންޖެހޭ މާއްދާ ތަފާތުވާނެ ކަމަށް ދިފާއުން ފާހަގަކުރެއްވިއެވެ. މި މައްސަލައިގައި ދައުލަތުން ފާހަގަކުރާ ބަޔާން ދިނީ އެފަދަ ހުވައެއްގެ މަތީގައިކަން އެނގެން ނެތަތީ ގާނޫނުލް އުގޫބާތުގެ 520 ވަނަ މާއްދާގެ ބަދަލުގައި ދައުވާ ކުރަން ޖެހެނީ 521 ވަނަ މާއްދާގެ ދަށުން ކަމަށް ދިފާއުގެ ބަޔާނުގައިވެއެވެ.

ނޫމަޑީގެ މައްސަލާގައި މުއިއްޒު ވަނީ ފުލުހަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނޫމަޑީގެ ފަރާތުން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި ނަމަވެސް ސަރުކާރުން މިހާރު ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމަކަށް ގޮސް 55 މިލިއަން ޑޮލަރު ދީ މައްސަލަ ހައްލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު