ސަރުކާރު ގެންނަން މަސައްކަތްކުރެއްވި މުޣުނީއަކީ ވައިކުޑައިގައި ސަރުކާރަށް ވަޑައިގެން ލިސްޓުގެ ބޭފުޅެއް ނޫންކަމަށް ޖޭޕީގެ ރިޔާސީ ކެނޑިޑޭޓްގެ މެނޭޖަރ އަދި ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވެފައި މިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރުގެ މަޤާމުގައި ހުންނެވި ހަސަން މުޣުނީ މިއަދު މަޤާމުން ވަކިކުރުމާއި ގުޅިގެނެވެ.

އިލްހާމް ވިދާޅުވީ މުޣްނީއަކީ ޤާބިލް، ކެރޭ މުރާލި ބޭފުޅެއްކަމަށެވެ. އަދި ސްޓެލްކޯއާއި ހަވާލުވި ހިސާބުން އެ ކުންފުންޏަށް ވަނީ ބޮޑެތި ބަދަލްތަކެއް ގެނެސް، ކުރިއެރުންތައް ހޯއްދަވައި، ދެއްވާފައިކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.

އިލްހާްމް ވިދާޅުވީ މިސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތައް ކުރެއްވި ބޭފުޅުންގެ ތެރޭގައި މުޣުނީ ހިމެނޭކަމަށެވެ. އަދި އެއީ ވައިކުޑައިގައި ސަރުކާރަށް އައި ލިސްޓްގައި ހިމެނޭ ބޭފުޅުއް ނޫންކަމަށް އިލްހާމް ވިދާޅުވިއެވެ.

"ހެޔޮފުޅުކަމުން ސަރުކާރުން ދެއްވި މަޤާމެއް މުޣުނީ އަދާނުކުރައްވާ. އެހެން ނޫންތޯ" އިލްހާމް ވިދާޅުވިއެވެ.



އެންވަޔަރަމަންްޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހަަސަން މުޣުނީ މަގާމުން ވަކިކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ވައްކަމުގެ ތުހުމަތު އެޅުވި މައްސަލައިގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މުޣްނީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރު މަގާމެއްގައި ހުންނެވި ބޭފުޅެކެވެ. އޭނާ ފުރަތަމަ އަދާކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމެވެ. ނަމަވެސް އޭނާ ފަހުން ވަނީ އެންވަޔަރަމަންްޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ބަދަލުކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓުވެސް ކަނޑައަޅާފައެވެ. އަދި އެޕާޓީން މިހާރު އަންނަނީ ރަސްމީކޮށް ރިޔާސީ ކެމްޕޭން ލޯންޗުކުރުމަށް ތައްޔާރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު