ކޭ ޕާކް މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތަންތަން ބަލާ ފާސްކުރަން ފަށައިފިއެވެ.

ފްލެޓް ވިއްކުމުގައި އޮޅުވާލުންތަކެއް ހުރެގެން ކޭ ޕާކް މައްސަލަ ފުލުހުންނަށް ހުށަހެޅީ އަރބަންކޯއިންނެވެ. އަދި އެ މައްސަލައާ ގުޅިގެން ބައެއް މީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ފްލެޓް ވިއްކާނެކަމަށް ބުނެ އޮޅުވާލި މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުކުރަނީ ކޭ-ޕާކްގެ އެއް ޕާޓްނަރު އަދި ހަންބޯ ކުންފުނީގެ ރާއްޖޭގެ އެޖެންޓް ހަސަން މަމްދޫހު، މަންޑޭ އަށެވެ. އޭނާގެ މައްސަލަ ތަހުގީގުކުރަމުންދާއިރު، އޭނާގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަނީ އޮޅުވާލައިގެން އެތައް ބަޔަކަށް ފްލެޓް ވިއްކާފައެވެ. އެގޮތުން އެއް އެޕާޓްމެންޓް ދެތިން މީހަކަށް ވިއްކާފައިވެސް އެބަހުއްޓެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާއިރު މިހާތަނަށް މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ކޭޕާކުގެ މަސައްކަތްކުރާ މައި ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަކަރާއި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކައި، އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށް ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު