ރާއްޖޭގެ މަޝްހޫރު މަގުބޫލް ޝަހުޝިިއްޔަތުތަކެއް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަކީ ޕާޓީއަށް ލިބުނު ކުރިއެރުމެއް ކަމަށް އެޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެެވެ.

ގާސިމް މިހެން ވިދާޅުވީ ރާއްޖޭގެ މަޝްހޫރު ގޯލްކީޕަރ ހަސަން ރަމީޒް (ޓިމޯ) އާއި، މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި ކުރީގެ ޗީފް ޕްރިޒަންސް އޮފިސަރ މުޙައްމަދު ތައުފީގު ޖުމުހޫރީ ޕާޓީ އަށް ސޮއިކުރެއްވުމާ ގުޅިގެންނެެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރަށްވާ ގާސިމް ވަނީ ޖޭޕީއާއި ގުޅިވަޑައިގެންނެވި ބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.



ގާސިމް ވިދާޅުވީ އެޕާޓީން މަސައްކަތް ކުރަނީ ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު މުސްތަޤްބަލެއް ބިނާކޮށްދިނުމަށް ކަމަށެވެ. ޖުމުހޫރީ ޕާޓީން އެ މަސައްކަތް ކުރަމުންދާއިރު، އަލަށް އެޕާޓީއާއި ގުޅުނު ބޭފުޅުންގެ ތަޖުރިބާއާއި، ޤާބިލުކަމުގެ ސަބަބުން، ޖޭޕީގެ ޤާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީއަކީ ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. ޖުމްހޫރީ ޕާޓީގެ ރަސްމީ ދަފުތަރުގައި 23،000އަށް ވުރެ ގިނަ މެންބަރުން އެބަތިއްބެވެ.

ފަހަކަށް އައިސް ރާއްޖޭގެ މަޝްހޫރު ގިނަ ފަރާތްތަކެއް ޖުމުހޫރީ ޕާޓީއާއި އަންނަނީ ގުޅެމުންނެެވެ. ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ގާސިމް ހަމަޖައްސާފައިވާއިރު އެޕާޓީން މިހާރު އަންނަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕޭން ފެށުމަށް ތައްޔާރުވަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު