މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިދިޔަ މަހު ކަނޑައަޅާފައިވާ ޗާގޮސްއާ ބެހޭ ގޮތުން 1982 ވަނަ އަހަރުން ފެށިގެން ދިވެހި ދައުލަތުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް ހާމަކުރުމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު އެދިވަޑައިގެންފިއެވެ.

ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކުރި ގޮތާ މެދު ދިވެހި ސަރުކާރާއި ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ވާހަކަތަަށް މިހާރު ދަނީ ފަތުރަމުންނެެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިޓްލޮސްއިން ނިންމި ނިންމުމަށް ތާއިދު ކުރަށްވައި ޑރ. ޝަހީދު މީގެ ކުރިން ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން ޑރ. ޝަހީދު ވިދާޅުވެފައިވަނީ އިޓްލޮސްގެ ނިންމުމަކީ ރާއްޖެއަށް އެންމެ މޮޅު ލިބޭ ގޮތަށް އަދި އެއަށްވުރެ އިތުރު މޮޅު ގޮތެއް ނުހޯދޭނެ ގޮތަކަށް ނިންމާފައި އޮތް ނިންމުމެއް ކަމަށެވެ.



ޗާގޯސް މައްސަލައިގައި އިދިކޮޅު ފަރާތްތަކުން އެކި ވާހަކަތައް ދައްކަމުން ގެންދާ މިދަނޑިވަޅުގައި ފޮރިން މިނިސްޓަރު ޑރ. ޢަހުމަދު ޝަހީދު މިއަދު ވިދާޅުވީ ދައުލަތުން މައުލޫމާތު ހިއްސާކުރުމަކީ އިތުބާރު އުފެއްދުމަށާއި ޕްރޮފެޝަނަލް ނޫސްވެރިން ބާރުވެރި ކުރެވޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ކަނޑުގެ ގާނޫނާއި، ޗާގޯސްއާ ބެހޭ ގޮތުން 1982 ވަނަ އަހަރުން ފެށިގެން ރައީސް އޮފީހާއި، ފޮރިން މިނިސްޓްރީއާއި، ނިއުޔޯކާއި ލަންޑަންގައި ހުންނަ ދިވެހި މިޝަންތަކުގައި ހުރި ހުރިހާ ލިޔެކިޔުމެއް ހާމަކުރުމަށް ޑރ. ޝަހީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް މައުމޫންގެ ސަރުކާރާއި ނަޝީދުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ޝަހީދު ވިދާޅުވީ މިނިވަން ޕްރޮފެޝަނަލް ނޫސްވެރިކަމެއް ނެތް ގައުމެއްގައި ހެޔޮ ވެރިކަމެއް ނުކުރެވޭނެ ކަމަށެެވެ. މިނިވަން ނޫސްވެރިކަން ނަގާލުމުން ސަރުކާރާ މެދު ރައްޔިތުން އިތުބާރު އުފެއްދޭނެ މުއާމަލާތެއް ހިންގޭނެ ގޮތެއް ނޯންނާނެކަމަށް އދ.ގެ ރެޕަޓުއާގެ މަގާމުވެސް އަަދާކުރަށްވާފައިވާ ޝަހީދު ވިދާޅުވި އެވެ.

ިމީގެއިތުރުން ޗާގޯސްގެ މައްސަލައާއި ގުޅޭ ލިޔުންތައް ހާމަކޮށްދިނުމަށް ޝަހީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ގޮވާލައްވާފައެވެ.

"ސައްހަ ފުރިހަމަ މައުލޫމާތުގެ އަލީގައި ރައްޔިތުން މި ބަހުސްގައި ބައިވެރިވެވޭނެ މަގެއް ކޮށައި ދެއްވުމަކީ ވެރިންނާއި ނޫސްވެރިންނާއި އަދި ޔުނިވަސިޓީތަކުގެ ޒިންމާއެއް." ޝަހީދު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު