7 ރަށެއްގައި ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ ހޮސްޕިޓަލުތަކުގެ މަސައްކަތް މިއަދުު ކުންފުނިތަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޙަވާލުކޮށްފައިވަނީ، ހދ. ހަނިމާދޫއާއި، ށ. މިލަންދޫއާއި، ނ. ވެލިދޫއާއި، ކ. ތުލުސްދޫއާއި، އދ. މާމިގިލީއާއި ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށީގެ ހޮސްޕިޓަލުގެ މަސައްކަތެވެ. ކޮންމެ ރަށެއްގައިވެސް ތަރައްޤީކުރަން ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެވެ.

މި ހޮސްޕިޓަލްތަކުގެ ތެރެއިން ށ. މިލަންދޫއާއި، ނ. ވެލިދޫއާއި، ކ. ތުލުސްދޫގެ ހޮސްޕިޓަލް މަސައްކަތް ޙަވާލުކޮށްފައިވަނީ އާނަންޑް ބިލްޑް ޓެކް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ހދ. ހަނިމާދޫއާއި، ވ. ފެލިދޫއާއި، ތ. ވިލުފުށީގެ އިތުރުން އދ. މާމިގިލީގެ ހޮސްޕިޓަލްގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި 7 ރަށުގައި ހޮސްޕިޓަލު ތަރައްޤީކުރަނީ ތިމާވެއްޓާއި ރައްޓެހި ޙަކަތަ ބޭނުންކުރާގޮތަށް ކަމަށާއި އެގޮތުން ކޮންމެ ހޮސްޕިޓަލެއްގައިވެސް 150 ކިލޯވޮޓްގެ ސޯލާޕީވީ ނިޒާމު ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.



މި ހުރިހާ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދޮޅު އަހަރުތެރޭގައި ނިންމާގޮތަށެވެ.

ސަރުކާރުން އެކުލަވައިލި ނޭޝަނަލް ސްޕޭޝްލް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ 5 ސަރަޙައްދެއްގައި 5 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އޭގެތެރެއިން ބައެއް ހޮސްޕިޓަލުތަކުގައި ކުރިން ނެތް ވަސީލަތްތައް ޤާއިމުކޮށް މިހާރު އަންނަނީ އައު ޚިދުމަތްތައް ދެމުންނެވެ. އޭގެ ތެރޭގައި ސީ.ޓީ ސްކޭން، އެމް.އާރް.އައި، މެމޮގްރަފީ އަދި ލެބޯޓެރީގެ ޚިދުމަތާއި ދަތުގެ ފަރުވާގެ ޚިދުމަތްތައް ވެސް ހިމެނެއެވެ.

ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީއާއެކު، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ޑިޖިޓަލް އެކްސްރޭ ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު