ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ "ދެން ވަކި މީހަކަަށް ނުދެވޭނެ" ކަމަަށް ވިދާޅުވެ އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

މޫސަ ނަޝީދަށް މިފަދަ ރައްދެއް ދެއްވީ އެމްޑީޕީގެ އުސޫލުތަކާއި ހިލާފަށް މަސައްކަތްކުރައްވާ ބޭފުޅުން ޕާޓީން ވަކިކުރުމަށް ގޮވާލުމުން، އެކަމަށް ނަޝީދު ރައްދު ދެއްވުމާއި ގުޅިގެންނެެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ހައްދަަަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުމުގެ" މެމްބަރުންގެ ހިތް އެމްޑީޕީއާ ވަތްކެއް ނުކުރެވޭނޭކަމަށެވެ. އަދި އެމްޑީޕީވެސް އަނބުރާ ހޯއްދަވާނޭކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރުކަަން ވެސް ކުރެއްވި މޫސާ މަނިކު ވިދާޅުވީ ވަކި މީހެއްގެ މިލްކެއްގެ ގޮތުގައި އެމްޑީޕީ އޮތްއޮތުން ނިމުމަކަށް ގެނައީ އެޕާޓީގެ މެމްބަރުން ކަމަށެވެ.



އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބާއި ކޮންގުރެސްގެ ނިންމުންތަކާއި ރިޔާސީ ޕްރައިމަރީން އެނގިގެންދިޔައީ ޕާޓީގެ މެމްބަރުން ބޭނުންވާ ގޮތް ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ އެ އިޝާރަތް ކުރަށްވަނީ މިފަހުން ބޭއްވި އެމްޑީޕީގެ ހުރިހާ އެތެރޭގެ އިންތިޚާބުތަކެއްގައި އެޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ފެކްޝަނުން ހޯދި ބޮޑު ކާމިޔާބީއަށް އިޝާރަތް ކުރަށްވައެވެ.

ވަރަށް ވާދަވެރި ފޯރިގަދަ ކެމްޕޭނަކަށް ފަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ވާދަކުރަށްވައި ބޮޑު ތަފާތަކުން ކުރި ހޯއްދެވީ އިސް ލީޑަރު ރައީސް، އިބްރާހިމް މުޙައްމަދު ސާލިޙެވެ.

"ވަރަށް ކުޑަ ހަރަކާތަކުން ވެސް އެމްޑީޕީގެ މެމްބަރުން ޕާޓީގެ ކަންކަމާއި މެދު ސަމާލުކަމަށް ގެނައުމަކީ މި ޕާޓީ މެމްބަރުން ދަންނަ އުކުޅެއް،" އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަން ވެސް ކުރަށްވާފައިވާ މޫސަ ވިދާޅުވިއެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު އެ ޕާޓީގެ އިސް ބައެއް ބޭފުޅުން މިއަދު ވަނީ ޕާޓީގެ އުސޫލުތަކާއި ހިލާފަށް މަސައްކަތްކުރައްވާ ބޭފުޅުން ޕާޓީން ވަކިކުރުމަށް ގޮވާލައި އެމްޑީޕީގެ އޮފީސް ދޮރުމަތީގައި އިހްތިޖާޖުކޮށްފައެވެ. ޕާޓީ އޮފީސް ދޮރުމަތީގައި އިހުތިޖާޖު ކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ޗެއަރޕާސަން އަދި ރައީސް ސާލިހާ ގާތްގުޅުމެއްް އޮންނަ ރީކޯ މޫސާ މަނިކުގެ އިތުރުން ހެރިޓޭޖް މިނިސްޓްރީގައި އުޅުއްވާ މުހައްމަދު ނާޒިމް (ބައުންޓީ ނާޒިމް) ހިމެނިވަޑަައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު