އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ހަސަން މުޣުނީ، ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ހަޑިހުތުރު ބަހުން މުހާތަބްކޮށް ޓްވީޓްކުރެއްވި މައްސަލަ ބަލަން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މުޣުނީގެ ރަސްމީ އެކައުންޓުން ބުރާސްފަތިދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ޞާލިހަކީ "ވަގެއް" ކަމަށް ސިފަކުރައްވައި، ހަޑިހުތުރު ބަހުން މުހާތަބްކުރަށްވާފައެވެ. މީގެއިތުރުން ބައެއް ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިބި ބޭފުޅުންނަށްވެސް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ މުޣުނީގެ ޓްވީޓާއި ގުޅިގެން އޭނާއާ ސުވާލުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އޭނާގެ ޓްވީޓަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަމަލު ކުރަން އެކުލަވާލާފައިވާ ސުލޫކީ މިންގަނޑާ ހިލާފް ޓްވީޓެއްކަމަށްވެސް އިބްރޭ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން މުޣްނީ މިހާތަނަށް ވާހަކަ ދައްކާފައެއް ނުވެއެވެ.

މުޣްނީއަކީ މީގެކުރިން ބޮޑު މުސާރައެއް ލިބޭ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމުން ދުރުކުރައްވައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ވަނީ ބަދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު