ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން އިދިކޮޅު އިއްތިހާދުން ނިންމައިފި އެވެ.

އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ޝާހިދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅަން ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށެވެ. އެ މައްސަލަ މިއަދު މަޖިލީހަށް ހުށައަޅާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށައަޅަނީ ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށެވެ.

ޕީޕީއެމް-ޕީއެންސީއާއީ، ޖުމްހޫރީ ޕާޓީއާއި، ފިކުރެއްގެ ދިރުން، އަދި އެމްއެންޕީ ގުޅިގެން ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު މަޖިލީހަށް ވައްދާއިރު އެޕާޓީތަކުން މީގެ ކުރިން ވަނީ ޗާގޯސް މައްސަލައިގައި ބަންޑާރަ ނައިބްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ވެސް މަޖިލީހަށް ހުށައަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނާގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަދުވެގެން 10 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށައެޅިދާނެއެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން އެ މައްސަލައެއް ފާސްވުމުންނެވެ.

ޗާގޯސް މައްސަލައިގައި ސަރުކާރާއި ދެކޮޅު ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން ބޮޑު އިއްތިހާދެއް މިހާރު ވަނީ އެކުލަވާލާފައެވެ. އެ އިއްތިހާދުން ވަނީ އެމައްސަލައިގައި އަންނަ ޖޫން މަހުގެ 02 ވާ ހުކުރު ދުވަހު އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމާފައެވެ. މި އެއްވުމުގެ އިތުރުން ސަރުކާރުން ޗާގޯސް މައްސަލާގައި ޢަމަލު ކޮށްފައިވާ ގޮތް ބަލައިނުގަންނަ ކަމަށް ބުނެ ހުރިހާ ފަރާތްތައް ގުޅިގެން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އެ އިއްތިހާދުގެ ފަރާތުން އަންނަނީ ކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު