ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާއި ގުޅޭގޮތުން މާލީ އިދާރާތަކާއި މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބެންކު، އައިޑީބީގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ.

މި ބައްދަލުވުންތަކުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ބައިވެރިވެވަޑައިގެންނެވިއެވެ.

އައިޑީބީގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ދިވެހި ސަރުކާރުގެ ވަފްދުން ވަނީ އޭޝިއަން އިންފްރާސްޓްރަކްޗަރ ބެންކު އޭއައިއައިބީ، އިސްލާމިކް އިންޝުއަރެންސް އެންޑް އެކްސްޕޯޓް ކްރެޑިޓް އައިސީއައިސީއީ، ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓް، އިސްލާމިކް ސޮލިޑާރިޓީ ފަންޑް ފޯ ޑިވެލޮޕްމަންޓް، އިސްލާމިކް އިންޓަރނޭޝަނަލް ޓްރޭޑް ފައިނޭންސް، އައިޓީއެފްސީގެ އޮފިޝަލުންނާއި ބައްދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުންތަކުގައި ސަރުކާރުން ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އޭގެތެރެއިން ބައެއް ފަރާތްތަކާއެކު ކުރިއަށްގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.



މި ބައްދަލުކުރެއްވުންތަކުގައި ރާއްޖޭގެ ތަރައްޤީގެ ދުވެލި އެގޮތުގައި ދެމެހެއްޓުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން ވަގްފް ފަންޑުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ސައުދީ އަރަބިއްުޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ އަމީރު ވަނީ ސައުދީގެ ފައިނޭންސް މިިނިސްޓަރާއި ބައްދަލުކުރައްވައި، އިޤްތިޞާދީ އަދި މާލީ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު