ދިވެހި މަސްކަނޑު ވިއްކާލި ކަމަށްބުނެ ސަރުކާރާއި ދެކޮޅަށް ބޮޑު ހަރަކާތެއް ބާއްވަން މިރޭ ނިންމައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ ޗާގޯސް މައްސަލާގައި ސަރުކާރާއި ދެކޮޅު ފަރާތްތަކުން އުފައްދާފާއިވާ އިއްތިހާދުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ބަނޑާރަ ނައިބް ޑރ. މުހައްމަދު މުނައްވަރާއި، އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަން، އެމްއެންޕީ އަދި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި ޖުމުހޫރީޕާޓީގެ ފަރާތުން ވެސް ވަނީ ބައިވެރިވެފައެވެ.

ސަރުކާރާއި ދެކޮޅު އެ ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ އަންނަ ޖޫން މަހުގެ 02 ވާ ހުކުރު ދުވަހު އާޓިފިޝަލް ބީޗް ސަރަހައްދުގައެެވެ. މި އެއްވުމުގެ އިތުރުން ސަރުކާރުން ޗާގޯސް މައްސަލާގައި ޢަމަލު ކޮށްފައިވާ ގޮތް ބަލައިނުގަންނަ ކަމަށް ބުނެ ހުރިހާ ފަރާތްތައް ގުޅިގެން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާކަން މި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ބަންޑާރަ ނައިބް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ، ދިވެހި ކަނޑު ވިއްކާލުމާއި ދެކޮޅަަށް ރައްޔިތުން ނުކުންނާނެ ކަމަށެވެ. އެކަމާއި ދެކޮޅަށް ކުރާ އެއްވެސް މަސައްކަތެއް ކުރުމަަށް ދިވެހިން ފަސް ނުޖެހޭނެކަން ފެނިގެން ދާނެ ކަމަށް މުނައްވަރު ވިދާޅުވިއެެވެ.

ކުރީގެ ބަންޑާރަ ނައިބް އާޒިމާ ޝުކޫރު ވިދާޅުވީ މިމައްސަލާގައި ޤާނޫނީ ގޮތުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް އެ އިއްތިހާދުގެ ފަރާތުން ކުރަމުންދާ ކަމެއް ކަމަށެވެ. އަދި މިމައްސަލައިގައި ސޮއިކުރާ ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރުމަށް އާޒިމާ ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު