ހިލޭ ޑިގްރީ ސްކީމުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ގެނެސްފިއެވެ.

މިސަރުކާރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ކަމަށްވާ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މި ފާއިތުވި 4 އަހަރު މުޅިން އަލަށް 15547 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށް ދީފައިވާ ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ގެޒެޓު ކޮށްފައިވާ ހިލޭ ޑިގްރީ ޕްރޮގްރާމްގެ އާ އުސޫލުގައިވާ ގޮތުން، އެސްކީމުގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބޭނީ، ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވާތާ 18 މަސް ފާއިތުވުމުގެ ކުރިން އެކަމަށް އެދުމުންނެވެ. އޭގެ ކުރިން އެދިއްޖެ ނަމަ ކޯހުގައި ފާއިތުވިބައި ސަރުކާރުން ރިފަންޑްކޮށްދޭނެއެވެ. ނަމަވެސް ފަހުން އެދިއްޖެނަމަ ފާއިތުވީބައި ސަރުކާރުން ރީފަންޑުކޮށެއް ނުދެއެވެ.

ހަމައެއާއެކު އާއުސޫލުގައި ކޯސް ޑިފަރ ކުރެވޭ މުއްދަތު 12 މަސް ދުވަހަށް ވަނީ ކުރުކޮށްފައެވެ. އެހެންކަމުން، ކޯސް ޑިފަރކޮށްގެން 12 މަސްދުވަސް ވެއްޖެނަމަ, އެ ދަރިވަރަކު ކޯސް ދޫކޮށްލީ ކަމަށް ނިންމާނެ އެވެ. އެ ހާލަތުގައި ސަރުކާރުން ހޭދަކުރި ފައިސާ އަނބުރާ ދައްކަން ޖެހެއެވެ.

މި ސްކީމުގެ ދަށުން ކޯސް ފީ ފިޔަވައި އެހެން ކަންކަމަށް ފަންޑު ނުކުރާނެ ކަމަށް ވެސް އާ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު ސްކީމުގެ ދަށުން ކިޔަވަން ސަރުކާރުން ފައިސާ ހަރަދު ކުރުމަށްފަހު އެ ފައިސާ އަނބުރާ ދައްކަން ޖެހިއްޖެ ހާލަތްތަކުގައި ފައިސާ އަނބުރާ ދައްކަން ކަނޑައަޅާފައިވާ މުއްދަތުވެސް ވަނީ ކުރުކޮށްފައެވެ.

ހިލޭ ޑިގްރީ އުސޫލަށް ގެނައި ބަދަލުގައިވާ ގޮތުން، ފައިސާ އަނބުރާ ނުދައްކައިފިނަމަ މިނިސްޓްރީން އިއުލާންކުރާ މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ނުދިނުމާއެކު އެފަރާތަކަށް ޝަރުއީގޮތުން ފިޔަވަޅު އެޅުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން