އިޔާދަކުރުވަނިވި ހަކަތައަކީ އިޤްތިޞާދީ ފައިދާ ހޯދުމަށް އޮތް އެންމެ ބޮޑު ފުރުޞަތުކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ސްވިޑަންގައި ކުރިއަށްދާ އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި އެމަނިކުފާނު މިއަދު ކޯ-ޗެއާކުރި ރައުންޑް ޓޭބަލްގައި ކުރެވުނު މަޝްވަރާގައެވެ.

އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމަކީ އީޔޫ އަދި އިންޑޯ ޕެސިފިކް ސަރަހައްދުން 60 އަށްވުރެ ގިނަ ހާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ފޯރަމެކެވެ.

މިނިސްޓަރ ޝާހިދު ވަނީ މި ފޯރަމްގައި ކުރިއަށްދިޔަ ރައުންޑް ޓޭބަލް ބައްދަލުވުމެއް ކޯ-ޗެއާކުރައްވާފައެވެ.



ބައްދަލުވުމުގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި ވަނީ ދެމެހެއްޓެނިވި، އިޔާދަކުރުވަނިވި ހަކަތައަށް ވާސިލްވުމަކީ އިޤްތިޞާދީ ފައިދާ ހޯދުމަށް މިއަދު އޮތް އެންމެ ބޮޑު އެއް ފުރުޞަތުކަން ފާހަގަކުރައްވާފައެވެ.

ޝާހިދު ވިދާޅުވީ ދެމެހެއްޓެނިވި ހަކަތައިގެ ބާވަތްތައް މިހާރު ވަނީ ކުރިއަށްވުރެ އަގުހެޔޮވެފައިކަމަށާއި މި ވަގުތަކީ މި ފުރުޞަތުތަކުގެ ބޭނުން ކުރަންވީ ވަގުތުކަމަށެވެ.

ޝާހިދު ވިދާޅުވީ މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި މި ފުރުޞަތުތަކުގެ ބޭނުން ކުރާނެ ގޮތާއި ކުރަންވީ ކީއްވެކަމާއި ގުޅޭގޮތުން ރައުންޑް ޓޭބަލްގައި މިއަދު މަޝްވަރާކުރެވުނުކަމަށެވެ.

މިނިސްޓަރ ޝާހިދު ކޯ-ޗެއާ ކުރި ސެޝަންގެ ޝިއާރަކީ، "ތިމާވެއްޓާ ރަޙްމަތްތެރި ފުރުޞަތުތައް ހޯދުމާއި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުން"މިއެވެ.

މި ފޯރަމާއި ގުޅޭގޮތުން ޝާހިދު ވިދާޅުވީ ޔޫރަޕްގެ އިއްތިހާދާއި އިންޑޯ-ޕެސިފިކް ޤައުމުތަކުގެ މިނިސްޓަރުންގެ ފޯރަމްގައި ބައިވެރިވުމަށް ދަޢުވަތު ލިބުމަކީ ދިވެހިރާއްޖެއަށް ލިބުނު ޝަރަފެއްކަމަށެވެ.

ޝާހިދު ވިދާޅުވީ މިފަދަ ބައްދަލުވުންތަކަކީ ޞުލްހަ ޤާއިމްކުރުމަށާއި ދެމެހެއްޓުމަށް، އަދި ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމަށް މުހިންމު ބައްދަލުވުންތަކެއްކަމަށެވެ.

މި ފޯރަމްގެ ހަވާސާގެ ތެރެއިން މިނިސްޓަރ ޝާހިދު ވަނީ އެކި ޤައުމުތަކުގެ ވެރިންނާއި ވަޒީރުންނާއި ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން