15 މިލިއަން ޑޮލަރު ނުވަތަ 230 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.

މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ކުންފުނިތަކުގެ މާލީ ދެމެހެއްޓެނިވިކަން ހަރުދަނާކުރުމުގެ އިތުރަށް، ގާނޫނީ އޮނިގަނޑު އިސްލާހުކޮށް، ފައިސާ ލިބޭނެ މަގުތައް ތަނަވަސްކޮށް، ކަމާބެހޭ ފަރާތްތަކުގެ ގާބިލުކަން އިތުރުކޮށް އަދި މާލީ ދެމެހެއްޓެނިވިކަމަށް އެހީތެރިވެދިނުމުގެ ތެރެއިން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުކުރުމަށް ހިންހާ ޕްރޮޖެކްޓެކެވެ.

ވޯލްޑް ބެންކުން ބުނީ "މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓްގެ" ގެ ނަމުގައި ހިންގާ މި ޕްރޮޖެކްޓްގެ އަމާޒަކީ ހޮވާލެވޭ ސަރުކާރު ހިއްސާވާ ކުންފުނިތަކެއްގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ވިޔަފާރިތައް ހިންގާ ގޮތް ރަނގަޅުކޮށް، އެ ކުންފުނިތަކާ މަތިކޮށްފައިވާ އާންމު ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ދެވޭ ސަބްސިޑީތައް އިސްލާހުކުރުމަށް ސަރުކާރަށް އެހީތެރިވެދިނުމެވެ.

މި މަޝްރޫއުގެ ޒަރީއާއިން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި ލޯނުތައް ހޯދުމުގައި ރާއްޖޭގެ އަމިއްލަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ހޮވާލެވޭ އީޖާދީ އަދި ގާބިލު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމުގެ މަގު ކޮށައިދީ، އާ މާކެޓްތަކުގައި ވާދަކުރުމަށް އާ އަދި މޫސުމާ ރައްޓެހި އުފެއްދުންތައް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

"ކޮވިޑް-19ގެ ބަލިމަޑުކަމާއި ދުނިޔޭގެ މާހައުލުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވޭ. އެކަމުގެ އަސަރު ސަރުކާރު ހިއްސާވާ ވިޔަފާރިތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ކޮށްފައިވޭ." ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.

"މި މަޝްރޫއުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ހުރި އިގްތިސާދީ ފުރުސަތުތައް ފުޅާވެ، ސަރުކާރު ހިއްސާވާ ވިޔަފާރިތަކަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް މަގުފަހިވެގެންދާނެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ މާލީ ހާލަތު ކުރިއެރުވުމަށް ވެސް އެހީތެރިކަން ލިބިގެންދާނެ." ވޯލްޑް ބެންކުން ބުނެފައިވެއެވެ.

ރާއްޖެއަކީ މަތީ މެދުފަންތީގެ އާމްދަނީ ލިބޭ ގައުމެއް ނަމަވެސް، ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ބަރޯސާވެފައި ވަނީ މަދު ސިނާއަތްތަކެއްގެ މައްޗަށެވެ. އިގްތިސާދީ ދުވެލި ދަށްވެ، ސަރުކާރުގެ ހަރަދުތަކާއި ދަރަނީގެ މައްސަލަތައް ވަނީ ވަރަށް ބޮޑުވެފައެވެ.

އިގްތިސާދީ މުހިންމު މައްސަލަތައް ހައްލުކުރުމުގައި ރާއްޖޭން ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، އިގްތިސާދީ ކުރިއެރުން ވަރުގަދަކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ވޯލްޑް ބެންކުން ބުނެއެވެ.

ސަރުކާރުގެ ވިސްނުން ހުރީ، މިހާރު ވެސް ލަސްވެފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމުގެ މަސައްކަތް އަވަސްކޮށް، ދަތުރުފަތުރުގެ ހަރަދު ބޮޑުވުމާއި ހުނަރާއި ވަޒީފާގެ ދަތިކަމާއި ގުދުރަތީ ވަސީލަތްތައް މަދުވުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ވާދަކުރަން ޖެހުން ފަދަ ދަތި އަދި ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ވިޔަފާރީގެ މާހައުލަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މިޕްރޮގްރާމްގެ މުހިންމު އަމާޒެއް ކަންވެސް ވޯލްޑް ބެންކުން ބުނެއެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމަށް ދިވެހި ސަރުކާރުން ފުޅާ ދާއިރާއެއްގައި ޕްރޮގްރާމެއް ހިންގަމުން އަންނައިރު، ގާނޫނީ އިސްލާހުތަކެއް ގެނެސް، މާލީ ވަސީލަތްތަކާއި ސަރުކާރުގެ ޕްރޮކިއުމަންޓް ފުރުސަތުތައް ތަނަވަސްކޮށްދީގެން އަމިއްލަ ވިޔަފާރިތަކުގެ ދާއިރާ ހަރުދަނާކުރުމަށް އިސްކަން ދޭ." ވޯލްޑް ބޭންކުގެ ސީނިއާ އިކޮނޮމިސްޓް އަދި ޓާސްކް ޓީމް ލީޑަރު ސުހައިލް ކާސިމް ވިދާޅުވިއެވެ.

މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ފިނޭންސުންނެވެ. މި މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 15 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ 7.5 މިލިއަން ޑޮލަރުގެ ލޯނާއި 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން