އައްޑޫ ސިޓީ ކައުންސިލް ބަދުނާމު ކުރާތީ "ހަސަން ކުރުސީ" ޓުވީޓާ އެކައުންޓްގެ މައްސަލަ ބަލަން ހުށައަޅާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ ނަމުގައި ވަގު ޓުވީޓާ އެކައުންޓެއް ހަދައިގެން އެ ކައުންސިލް ބަދުނާމުކޮށް ދޮގު ވާހަކަ ފެތުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެކަން ކުރާ ނުވަތަ އެކަން ކުރުވާ މީހަކީ "ދައްޖާލާ" އެއްވަރުގެ ފިތުނަވެރިއެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.

"ކައުންސިލުން މިކަން ބަލައި ތަހުގީގު ކުރުމަށް ފުލުހަށް ހުށައަޅާނަން." އައްޑޫ ސިޓީގެ މޭޔަރު ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ ހަސަން ކުރުސީ މައްސަލަ ބައްލަވައި ފިޔަވަޅު ނާޅުއްވައި ތިއްބެވުމަކީ ކަމާއި ގުޅޭ ވަޒީރުންގެ ފެއިލިއަރއެއް ކަމަށެވެ.

ހަސަން ކުރުސީގެ މައްސަލަ އައްޑޫ ކައުންސިލްގެ ފަރާތުން ފުލުހަށް ހުށައަޅާނެ ކަމަށް މޭޔަރ ވިދާޅުވެފައިމިވަނީ އައްޑޫސިޓީ ކައުންސިލުން ހިތަދޫގައި އެޕޯލޯގެ ކުރީގެ ގުދަން ކުއްޔަށް ދިނުމުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައިވާ ކަމަށް ބުނެ "ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ އެކައުންޓުން ޓްވީޓް ކުރަން ފެށުމުންނެވެ.

އެގޮތުން އެޕޯލޯ ގުދަން ކުއްޔަށް ދިނުމުގައި މަސައްކަތް ކުރި ފުރަތަމަ ބިޑް ކޮމެޓީ އުވާލައި ދެވަނަ ކޮމެޓީއެއް އުފައްދައި ކައުންސިލަރުން ކޮމެޓީގައި ތިބެ، އިވެލުއޭޝަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް މޭޔަރު ހިމެނޭހެން ފަސް ކައުންސިލަރަކަށް ވަނީ އެކަމުގެ ތުހުމަތު ކޮށްފައެވެ. އަދި މިހާރު ކުއްޔަށް ދީފައިވާ ފަރާތަކީ އެންމެ ބޮޑު އަގު ހުށަހެޅި ފަރާތް ނޫން ކަމަށާއި، އަދި އެ ގުދަން އިއުލާނާއި ޙިލާފަށް ސަބްލީސް ކޮށްފައިވާ ކަމަށް ހަސަން ކުރުސީ ޓްވީޓުތަކުގައި ބުނެފައިވެއެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި "ހަސަން ކުރުސީ" ނަމުގައި ހިންގާ ޓުވީޓާ އެކައުންޓަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ގުޅުން އޮތް ޓްވިޓަރ އެކައުންޓެކެވެ. އެހެންނަމަވެސް އެމަނިކުފާނު ދާދިފަހުން ވަނީ އެ ތުހުމަތުތައް ދޮގު ކުރަށްވާފައެވެ. އަދި އެމަަައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން ނަޝީދު ވެސް ވަނީ ފުލުހަށް ހުށައަޅުއްވާފައެވެ.

ފުލުހަށް ހުށައެޅުއްވި މައްސަލައިގައި ރައީސް ނަޝީދު ވިދާޅުވީ "ހަސަން ކުރުސީ"ގެ އެކައުންޓަކީ އެމަނިކުފާނާ ގުޅުން އޮތް ޓްވިޓަރ އެކައުންޓެއްކަމަށް ބަޔަކު ހީކުރާތީ އެކަމުގެ ގެއްލުން އެމަނިކުފާނަށް ލިބެމުންދާކަމަށެވެ.

އެހެންކަމުން އެ ޓްވިޓަރ އެކައުންޓްގެ އަސްލު ހޯއްދަވައިދެއްވުމަށް ނަޝީދު ވަނީ ފުލުހުންގެ ޚިދުމަތުގައި އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން