ފުރަތަމަ ފަހަރަށް ރާއްޖޭގެ ނޮމިނަލް ޖީޑީޕީ މިއަހަރު 100 ބިލިއަން ރުފިޔާ ފަހަނައަޅާދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ނޮމިނަލް ޖީޑީޕީ މިއަހަރު 100 ބިލިއަން ރުފިޔާ ފަހަނައަޅާދާނެ ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވީ، މިއީ ކުރިމަތިވި އެކި ގޮންޖެހުންތަކަށް ބެލުމެއްނެތި ސަރުކާރުން އިގްތިސާދީ ކުރިއެރުން ހޯދުމަށް ގެންގުޅޭ ރަނގަޅު އިޤްތިސާދީ ސިޔާސަތުތަކުގެ ނަތީޖާކަމަށެވެ.



އަމީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ކުރިއެރުމާއެކު އެހެން ދާއިރާތަކަަށްވެސް ރަނގަޅު އަސަރެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރު ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް އަންދާޒާކުރި 7.6 އިންސައްތަ 9.4 އިންސައްތައަށް އިތުރުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިގްތިސޯދުގެ ކުރިއެރުން މެދުރާސްތާގައިވެސް މަތީގައި ހުންނާނެކަމަށް ލަފާކުރެވޭ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވަނީ ރަޝިޔާ – ޔޫކްރެއިން ހަނގުރާމަ އަދި ޗައިނާގެ ފަތުރުވެރިންނަށް ދަތުރުކުރުމަށް ހުރި ހުރަސްތަކާއެކުވެސް 2021 ވަނަ އަހަރާއި އަޅާބަލާއިރު 2022 ވަނަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަަން ފާހަގަކުރަށްވާފައެވެ. މިއީ ކޮވިޑަށްފަހު ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވެފައިވާކަން އަންގައިދޭ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން އަމީރު ވިދާޅުވީ މިއަހަރުވެސް ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުގޮތެއްގައި ހިނގަމުން އަންނަކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17.5 އިންސައްތަ އިތުރުވެފައިވާކަން އަމީރު ފާހަގަކުރެއްވިއެވެ.

މިއަހަރު ޗައިނާގެ މާކެޓުން އަންނަ ފަތުރުވެރިންނާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އެގޮތުން ކުރިން އަންދާޒާކުރި 1.81 މިލިއަން ފަތުރުވެރިންގެ ބަދަލުގައި މިއަހަރު 1.93 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން