އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ލިބުނު ޝޮކަކުން ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދުވެއްޖެ އެވެ.

އުމުރުން ހަތަރު އަހަރުގެ ތަމީމް ދާއޫދު ޝަހީދުވީ އިސްރާއީލުން އެންމެ ފަހުން ޣައްޒާއަށް ދިން ހަމަލާގެ ތެރޭގައެވެ.

އޭނާގެ ބައްޕަ "އެމްއީއީ"އަށް ކިޔައިދިންގޮތުގައި ބޮމުގެ ހަމަލާގެ ބާރުގަދަ އަޑުފަށްގަނޑާއެކު އޭނާ ކުޑަ ދަރިފުޅުގެ ހިތަށް "ކެތް ނުކުރެވުނީ" ކަމަށެވެެ.

ފަލަސްތީނުގެ ހަތަރު އަހަރުގެ ތަމީމް ދާއޫދު ނިދާފައި އޮތީ ޣައްޒާގެ މެދުތެރޭގައި އޮންނަ އަވަށެއް ކަމަށްވާ އަލް ރެމާލްގެ ގޭގަ އެވެ. އަންނަ މަހުގެ ފަސްވަނަ ދުވަހު އުފަންދުވަހުގެ އިންތިޒާރުގައި ކެތްމަދުވެފައި ހުރި ދާއޫދަށް އާއިލާއާއެކު ރޭގަނޑު 2 ޖަހާކަންހާއިރު ހޭއެރީ އިސްރާއީލުގެ ބޮމުގެ އަޑަށެވެ.

މީޑިޔާއަށް މައުލޫމާތު ދެމުން އެކުއްޖާގެ ބައްޕަ މުހައްމަދު ބުނީ އޭނާގެ ދަރިފުޅު ތަމީމް ނިދާފައި އޮއްވާ އިސްރާއީލުން ވައިގެ ހަމަލާއެއް އަމާޒުވީ އެމީހުން ދިރިއުޅެމުންދިޔަ ގެ ކައިރީގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށް ކަމަށެވެ. އޭނާގެ ދަރިފުޅު ހޭއެރީ ބިރުގަނެގެން ކަމަށް އެކުއްޖާގެ ބައްޕަ ބުންޏެެވެ.

ބޮމުގެ ހަމަލާތަކުގެ އަޑުފަށްގަނޑުން ކެނޑި، ވައިގެ ހަމަލާތައް ނިމުނު ފަހުންވެސް ދާއޫދު އާއިލާގެ އިމާރާތް ގުގުމަމުންދިޔަ ކަމަށާއި ކުޑަދޮރުތައް ވަނީ ފުނޑުފުނޑުވެފައިި ކަމަށް ރިޕޯޓް ތައް ބުނެއެވެ.

އެއަވަށުގަަޮ ބޮން ގޮއްވާލި އަޑާއެކު ކުޑަކުޑަ ތަމީމް ބާރަށް ރޮއިގަތެވެ. އޭނާއަށް ޕެނިކް އެޓޭކެއް ޖެހެމުން ދިޔައެވެ. ބަނޑަށް އަށް މަސް ވެފައިވާ އޭނާގެ މަންމަ ލީނާ، 29، އޭނާ އަނބުރާ ނިންދަވަން މަސައްކަތް ކުރި ނަމަވެސް އެކުއްޖާ ދިޔައީ ރޮމުންނެވެ. އޭނާގެ ނޭވާ ކުރުވަމުން ދިޔައީ ނޭވާ ހާސްވެގެން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އެކުއްޖާގެ ބައްޕަ ބުނީ ބޮމުގެ އަޑުފައްގަނޑު ނިމުމާއެކު ތަމީމް އެނބުރި ނިދި ކަމަށާއި އެކަމަކު ގާތްގަނޑަކަށް ފަސްގަޑިއިރު ފަހުން އަނެއްކާވެސް އެކުއްޖާއަށް އުނދަގޫ ތަން ވާން ފެށި ކަމަށެވެ. އެކުއްޖާއަށް އަނެއްކާވެސް ޕެނިކް އެޓޭކެއް ކުރިމަތިވުމުން އެކުއްޖާ އަވަސް އަވަހަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާގެ ބައްޕަ ބުނެފައިވެއެވެ.

އެކުއްޖާގެ ބައްޕަ ބުނިގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެކުއްޖާގެ ހިތުގެ ހަރަކާތް ހުއްޓުނު ކަމަށާއި ދަރިފުޅު ހޮސްޕިޓަލުގައި އެޑިމިޓް ކުރީ އައިސީޔޫގައި ކަމަށެވެ. އެކުއްޖާ މަރުވީ ފަތިހުގެ ވަގުތެއްގައި ކަމަށް ޑޮކުޓަރުންނާއި ހަވާލާދީ އެކުއްޖާގެ ބައްޕަ ވަނީ ބުނެފައެވެ.

އިސްރާއީލުން އަންނަނީ މިދިޔަ ހަފްތާގެ ހުކުރު ވިލޭރެއިން ފެށިގެން ޣައްޒާއަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. މިހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 31 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ. އެހަމަލާތަކުގެ ރައްދުގައި ފަލަސްތީނުގެ އިސްލާމިކް ޖިހާދު ގުރޫޕުން ވެސް އަންނަނީ އިސްރާއިލަށް ހަމަލާދެމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން