އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގައި އުޅެނީ އެމްޑީޕީގެ މެމްބަރުން ނޫންކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރާއި ދެކޮޅަށް މަޖިލީހުގައި މަސައްކަތްކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.

ސަރުކާރާއި ދެކޮޅަށް މަޖިލީހުގައި މަސައްކަތްކުރައްވަމުންދާ އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ސަރުކާރުގެ ވަޒީރުން މަޤާމުން ވަކިކުރަން ހުށަހެޅުމަށް ތައްޔާރުވަމުންދާ މައްސަލަތަކަށް އެއްބާރުލުން ދެއްވަމުންނެވެ. މިގޮތުން ބަންޑާރަ ނާއިބު އިބްރާޙިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ ފިކުރެއްގެ ދިރުމުގެ މެމްބަރުން ވަނީ ސޮއިކޮށްފައިކަމަށް މައުލޫމާތު ލިބެއެވެ.

ވަޒީރުންގެ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ އިތުރުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށާއި ސިޔާސަތުތަކަށްވެސް ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން ދަނީ ފާޑު ވިދާޅުވަމުންނެވެ.

ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވީ ރައީސް ނަޝީދާއެކު މަސައްކަތްކުރަނީ އެމްޑީޕީގެ މެމްބަރުން ނޫންކަމަށެވެ. އަދި އެއީ ޕާޓީގެ އުސޫލުތަަކަށް އެއްވެސް ބެލުމެއް ނެތި މަސައްކަތްކުރަމުންދާ ބައެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ފިކުރެއްގެ ދިރުމުގެ ގޮތުގައި ތިބީ އެމްޑީޕީގެ މެމްބަރުންނެއް ނޫން. އެމްޑީޕީގެ މެމްބަރުންނޭ ކިޔާފައި ތިބެވިދާނެ. އެކަމަކު އެމްޑީޕީގެ އަސާސީ ގަވާއިދަށް ބޯނުލަނބާ. އެއީ އެމްޑީޕީ މެމްބަރުނެއް ނޫން." ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ މެމްބަރުންގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުންވެސް ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިވި ހިސާބުން އެ ޕާޓީވެސް ކޯލިޝަނުން ވަކިވެފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

"ޖުމްހޫރީ ޕާޓީވެސް ވަނީ ވަކިވެފައި." ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާލައިރު ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްއެންޕީ އަދި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގައި މަސައްކަތްކުރައްވާ މެމްބަރުން މިހާރު ފެންނަނީ އެކުގައި ސިޔާސީ މަސައްކަތްކުރައްވާ މަންޒަރެވެ. މި މަސައްކަތް އެ ބޭފުޅުން ފެއްޓެވީ ޗާގޯސް މައްސަލައާ ހިސާބުންނެވެ.



ކިޔުންތެރިންގެ ހިޔާލު