އެމްޓީސީސީގެ 42 އަހަރުގެ ދިގު ތާރީޚުގައި މިހާތަނަށް ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާފައިވާ އެންމެ ބޮޑު ފައިދާއާއި މާލީ އަހަރެއްގައި މިހާތަނަށް ހާސިލްކުރި އެންމެ ބޮޑު އާމްދަނީ އަދި ހިންގުމުގެ ފައިދާ ލިބިފައިވަނީ މިދިޔަ އަހަރުކަމަށް އެމްޓީސީސިން ބުނެފިއެވެ.

އެމްޓީސީސީން ވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް އާންމުކޮށްފައެވެ.

ކުންފުނީގެ 2022 ވަނަ އަހަރުގެ މާލީ ނަތީޖާގެ ތަފްސީލަށް ބަލާލާއިރު 2022 ވަނަ އަހަރު ޖުމުލަ 2.47 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 324.16 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ ރިކޯޑްކުރެވިފައެވެ.

މި މާލީ ނަތީޖާއާއިއެކު 2022 ވަނަ އަހަރަކީ ކުންފުނީގެ ތާރީޚުގައި ރިކޯޑްކުރެވިފައިވާ އެންމެ ބޮޑު އާމްދަނީ އަދި ހިންގުމުގެ ފައިދާ ހާސިލްކުރެވުނު އަހަރުކަމަށް އެމްޓީސީސީން ބުނެއެވެ.

ނަމަވެސް ރަޝިޔާ - ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އަދި ހާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ސަބަބުންނާއި ބޭރުފައިސާ ހޯދުމަށް ކުރަންޖެހުނު ޚަރަދު އިތުރުވުމުގެ ސަބަބުން 2022 ވަނަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ 229.53 މިލިއަން ރުފިޔާގައި އުޅޭއިރު މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު ދަށް އަދަދެކެވެ.





2022 ވަނަ އަހަރު ހާސިލްކުރި މާލީ ނަތީޖާއާއިއެކު -/5 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް -/4 ރުފިޔާގެ މަގުން ޖުމުލަ ހިއްސާގެ ފައިދާގެ ގޮތުގައި 32.15 މިލިއަން ރުފިޔާ ބެހުމަށް 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފައެވެ. މިއީ ކުންފުނީގެ 42 އަހަރުގެ ދިގު ތާރީޚުގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ އެންމެ ބޮޑު އަދަދެވެ.



2022 ވަނަ އަހަރު ކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ މުޙިންމު ބައިވެރިއެއްގެ ހައިސިއްޔަތުން ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކާމިޔަބުކަމާއެކު ވަނީ ހިންގާފައެވެ. އެގޮތުން 2022 ވަނަ އަހަރު ތެރޭގައި ޢުމްރާނީ ތަރައްޤީގެ އައު 65 މަޝްރޫޢުއަކާއި ކުންފުނިން ހަވާލުވެ، 42 މަޝްރޫއެއްގެ މަސައްކަތް ވަނީ ކާމިޔާބުކަމާއިއެކު ނިންމާލާފައެވެ.

އެމްޓީސީސީން ބުނީ ނިމިގެންދިޔަ އަހަރަކީ ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އެކުންފުނިން އިންޤިލާބީ ހެޔޮ ބަދަލެއް ގެނެވުނު އަހަރެއްކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްތައް ފެރީގެ ނިޒާމަކުން، އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ފެރީގެ ޚިދުމަތުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ޒޯން 1ގެ ހއ.، ހދ. އަދި ށ. އަތޮޅަށް ވަނީ މިދިޔަ އަހަރުތެރޭގައި ޚިދުމަތް ފަށާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ އާންމު ބަހުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ތަރައްޤީކުރުމަށްވެސް އަހަރުތެރޭ ވަނީ މުހިންމު މަސައްކަތްތަކެއް ކުރެވި ކަމަށް ކުންފުނިން ބުނެއެވެ. އެގޮތުން އާންމު ބަހުގެ ޚިދުމަތް ރާއްޖެ ޓްރާންސްޕޯޓް ލިންކް ވިއުގަ ދަށަށް ބަދަލުކޮށް މުޅިން އައު ބަސް އަދި ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމަކާއިއެކު ދިވެހިރާއްޖޭގެ ތާރީޚް މިހާތަނަށް ދެކެފައިނުވާފަދަ ތަރައްޤީ އާންމު ދަތުރުފަތުރުގެ ސިނާއަތަށް ވަނީ ގެނެވިފައިވާ ކަމަށް ވެސް ކުންފުނިން ބުނެއެވެ. މީގެ އިތުރުން މާލެތެރޭގައި ބަހުގެ ދަތުރުތަށް ފެށުމަށް ހާއްސަ ބަސްތަކެއް ގެނެސް، މާލޭގެ 3 ރޫޓެއްގައި ބަހުގެ ޚިދުމަތް ވެސް ވަނީ ފަށާފައެވެ.

މީގެއިތުރުން ކުންފުނީގެ ދަށަށް ރާއްޖޭގެ އާންމު ބަހުގެ ޚިދުމަތް ބަދަލުވެގެން އައިއިރު އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަން/ފޮނަދޫ އަދި ލ. އިސްދޫ/ކަލައިދޫގައި ހުއްޓިފައި އޮތް ބަހުގެ ޚިދުމަތްވެސް އަލުން ފަށައި، މިދިޔަ އަހަރު ތެރޭގައި ޚިދުމަތްދޭން ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

ވޭތުވެދިޔަ އަހަރަކީ ކުންފުނީގެ ތާރީޚްގައި އިޖުތިމާޢީ ޒިންމާގެ ދަށުން މުޖުތަމަޢުގެ ލާބައަށް އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދެވުނު އަހަރުކަންވެސް އެމްޓީސީސީން ފާހަގަކުރެއެވެ. އެގޮތުން ކުންފުނީގެ މަޝްރޫޢުތައް ހިނގަމުންދާ ރަށްތަކުގައި ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ވާނީ ޖުމުލަ 420 ހަރަކާތެއް ހިންގާ، މުޖުތަމަޢުގެ ލާބައަށް ޖުމުލަ 43.23 މިލިއަން ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު