ބަންޑާރަ ނައިބު އަލްއުސްތާޒު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

ޗާގޯސް މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މި މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ރާއްޖޭގެ ކަނޑުން ބޮޑު ސަރަހައްދެއް ގެއްލުވާލުމުގައި އޭޖީ، ރިއްފަތު ބައިވެރިވެވަޑައިގެންނެވި ކަމަށް ތުހުމަތުކޮށެވެ. އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.

ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން، އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ކަނޑައެޅި، ދިވެހިރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސްއިން ނިމިގެން ދިއުމަކީ ބަންޑާރަނައިބުގެ ޓީމުން ދިވެހި ދައުލަތުގެ ހައްގުގައި ކުރެއްވި އިހްލާސްތެރި އަދި ކާމިޔާބު ހާސިލްވި މަސައްކަތެއް ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން ބުނީ ގައުމުގެ ދިފާއުގައި ގޮތެއް ނިންމުމުގައި ކުރީގެ ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި ނުވާ، އިން ވަކިކުރުމުގެ މައްސަލާގައި ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ކުރައްވާފައިވަނީ ތައުރީފް ހައްގު، ޒިންމާދާރު މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވެސް ގާނޫނުއަސާސީއާއި ގާނޫނުތައް ނަގަހައްޓަވައި ދެމެހެއްޓެވުމުގައި ވެސް ބަންޑާރަނައިބު މިހާތަނަށް އިސްކުރައްވާފައިވަނީ ގައުމީ މަސްލަހަތު ކަަމަށާއި، ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ މައްޗަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނިގޮތުގައި ދިވެހިރާއްޖޭގެ މަސްލަހަތު ދިފާއުކުރައްވައި ބަންޑާރަނައިބު އަދާކުރެއްވި ޒިންމާއާމެދު ސުވާލު އުފައްދައި، އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްއިރު، އޭނާ މަގާމުން ވަކިކުރުމުގެ ވޯޓު ހުށަހަޅަން އުޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރާ ދެކޮޅަށް، އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާވައިގެން ހިންގާ ހަރަކާތްތަކުގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށެެވެ. އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓަރީ ގްރޫޕްގެ ގަވާއިދާ ޚިލާފަށް، އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ބަޔާނުގައި ވަނީ ދީފައެވެ.

އެމްޑީޕީން ބުނީ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން މަދު ބަޔަކާއެކު ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާތަކާއި ހިންގި ހަރަކާތްތައް ފެއިލްވުމުން، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ހިންގަން އުޅެނީ ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު ނަފްރަތު އުފައްދައި ގައުމުގެ ހަމަޖެހުން ނަގާލައި ބައިބައިކޮށް އަމިއްލަ ސިޔާސީ މަންފާ ހޯދަން ރޭވިގެން ހިންގާ ހަރަކާތެއް ކަމަށެވެ.

އަދި ގައުމީ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް އިޓްލޮސްއިން ނިންމި ގޮތުގެ ހަގީގަތް ހާމައަށް ދިވެހި ރައްޔިތުންނަށް ފެންނަން އޮއްވައި، ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެކަމަށް އެމްޑީޕީން ބުންޏެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރައްވައި ބަންޑާރަނައިބު ކުރެއްވި މަސައްކަތްޕުޅާ ގުޅުވައި ނަގަން އުޅޭ އިތުބާރު ނެތްކަމުގެ ވޯޓާ ދެކޮޅަށް، ބަންޑާރަނައިބު އިބްރާހީމް ރިފްއަތުއާއެކު ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕް ތިއްބެވި ކަމުގެ ޔަގީންކަންދޭ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ، އެމްޑީޕީގެ ބައެއް މެމްބަރުންނާއި، ޕީޕީއެމާއި، ޖުމްހޫރީ ޕާޓީއާއި އެމްއެންޕީގެ ތާއީދާ އެކުގައެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ 43 މެމްބަރުންގެ ވޯޓެވެ.



ކިޔުންތެރިންގެ ހިޔާލު