ރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުން އަނބުރާ ގެންނަން ނިންމާފައިވާކަމަށް ސާބިއާގެ ރައީސް އެލެކްސެންޑަރ ވުޖިކް ވިދާޅުވާ ވިދާޅުވުން ދިވެހި ސަރުކާރުން ކުށްވެރިނުކުރުމަކީ ލަދުވެތިކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޝަހީދު މިހެން ވިދާޅުވީ ކުރިން ކޮސޯވޯއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގެންފައިވާ ރާއްޖެ ހިމެނޭގޮތުން 9 ޤައުމަކުން މިހާރު ކޮސޯވޯއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމާފައިވާކަމަށް ވިދާޅުވެ ސާބިއާގެ ރައީސް އެލެކްސެންޑަރ ވުޖިކް ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން މިއަދު ވަނީ އެކަން ދޮގުކޮށްފައެވެ.



ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކޮސޯވޯގެ މިނިވަންކަން ރާއްޖެއިން ބަލައިގަތުމަށް ނިންމިއިރު ޚާރިޖީވަޒީރު ކަމުގައި ހުންނެވި ޑރ. އަޙުމަދު ޝަހީދު މިއަދު ވިދާޅުވީ ގައުމެއްގެ ވެރިއަކު ދިވެހި ސަރުކާރުން ބައިނަލްއަގުއާމީ ގާނޫނާއި ސީދާ ޚިލާފުވި ކަމުގެ އިލްޒާމް އަޅުއްވާއިރު އެކަން ކުށްވެރި ނުކުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ. ރިކޮގްނިޝަން/ ޑީ-ރިކޮގްނިޝަން އާ ބެހޭ އުސޫލްތައް ބައިނަލްއަގުއާމީ ގާނޫނުތަކުގައި ސާފުކޮށް އޮންނާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ކޮސޯވޯއަކީ ވަކި ދައުލަތެއް ކަމަށް ރާއްޖެއިން ބަލައިގަންނަ ކަމަށެވެ. އަދި އެކަން ބަލައިނުގަންނަ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް މިއުވާން ވިދާޅުވިއެވެ.

ކޮސޯވޯއަކީ މީގެކުރިން ސާބިއާގެ ޕްރޮވިންސެކެވެ. އެ ސަރަހައްދުގައި ގިނައިން ދިރިއުޅެނީ މުސްލިމުންނެވެ. 1990 ގެ އަހަރުތަކުގެ ތެރޭގައި ސާބިއާއިން ވަނީ ކޮސޯވޯއާއި ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައެވެ.

ކޮސޯވޯގެ މިނިވަންކަން އިއުލާންކޮށްފައިވަނީ 2007 ވަނަ އަހަރުގައެވެ. ރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ބަލައިގަތީ 2008 ވަނަ އަހަރުގައެވެ. ރާއްޖެ އަކީ ކޮސޯވޯގެ މިނިވަންކަން ބަލައިގަތް 55 ވަނަ ގައުމެވެ.



ކިޔުންތެރިންގެ ހިޔާލު