ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ހިއްކަނީ މާލޭ ރައްޔިތުންނަށް ގޯތިދޭން ބިން ނެތިގެންކަމަށް ބުނެ ދައްކަމުންދާ ވާހަކަތަައް ސަރުކާރުން ދޮގުކޮށްފިއެވެ.

ތަރުޖަމާން މިއުވާން މިހެން ވިދާޅުވީ ގޯތި ދޭނެ ބިން ނެތިގެން ހުޅުމާލޭގެ ފަޅު ހިއްކަން ސަރުކާރުން މަސައްކަތްކުރާކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. މިއުވާން ވިދާޅުވީ ހުޅުމާލެ ފަޅު ހިއްކުމާއިގުޅޭ މަޝްވަރާތަކެއް ކުރިއަށްދާކަމާށާއި ނަމަވެސް މިކަމާއި ގުޅިގެން އެއްވެސް ނިންމުމެއް ނިންމާފައިނުވާކަމަށެވެ.

ހުޅުމާލޭގެ ފަޅުން ބައެއް ހިއްކަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ގޯތި ދޭން ބޭނުންވާ ބިން ނެތިގެންކަމަށް ބުނެ ދައްކާ ވާހަކައަކީ ހަގީޤަތާއި ހިލާފު ވާހަކަތަކެއްކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިން ކަނޑައަޅާފައިވާކަމަށެވެ. އަދި އެކަމަށް ދޭނެ ބިން ނެތިގެން ސަރުކާރުން ނޫޅޭ ކަމަށް މިއުވާން ވިދާޅުވިއެވެ.

"މިހާރު އިޢުލާންކޮށްފައި ހުރި މަޝްރޫޢުތަކަށް އިޢުލާންކުރީ އެކަމަށް ބޭނުންވާ ބިން އޮތްކަން ކަށަވަރުކުރުމަށްފަހު." މިއުވާން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިއްކަން މަޝްވަރާކުރަނީ ހުޅުމާލޭގައި ހުންނަ މެރީ ބްރައުން ރެސްޓޯރަންޓާއި ދިމާލުން އޮންނަ ފަޅުތެރެއިން ފެށިގެން ފޭސް ދޭއްގައި އޮންނަ ފަރުކޮޅުފުއްޓާއި ހަަމައަށެވެ. ހުޅުމާލޭގެ މާސްޓަ ޕްލޭންގައިވާ ގޮތުން މިއީ ކްރޫޒްލައިނަރ ޓަރމިނަލެއް ތަރައްޤީކުރުމަށް އޮތް ސަރަހައްދެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 5000 ގޯތި ދޫކުރުމަށް ނިންމާފައެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅީފަޅުން 2000 ގޯތި އަދި ގިރާވަރު ފަޅުން 2000 ގޯއްޗެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން