ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތަކީ، ރާއްޖޭގެ ރައްޔިތުން އެއް ރަށުން އަނެއް ރަށަށް ދިއުމަށް އުފުލަމުންދިޔަ ތަކްލީފް ބޮޑު ދަތުރުތައް ނިމުމަކަށް ގެެނެސް، ދަތުރުފަތުރުގެ ފަސޭހަ ނިޒާމަކުން ރާއްޖޭގެ ރަށްތަށް ގުޅާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފަށްޓަވާފައިވާ މުހިންމު އެއް މަޝްރޫއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޙިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އާރުޓީއެލްގެ ހިދުމަތް ހއ، ހދ، ށ އަދި ޅ އަތޮޅުގެ ޖުމްލަ 46 ރަށަކަށް ވަނީ ފެރީގެ ނިޒާމުން ގުޅާލާފައެވެ.

އެމްޓީސީސީން މިހާރު ތައްޔާރުވަމުންދަނީ 19 ރަށް އޮންނަ ހުވަދު އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށެވެ. ސަރުކާރުން ވިދާޅުވެފައި ވަނީ އަންނަ ޖުލައިމަހު އެ ހިދުމަތް އެ އަތޮޅުގައި ފަށްޓަވާނެކަމަށެވެ.

ހުވަދުއަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެކަމާއި ގުޅޭ މަޝްވަރާތައް މިހާރު އަންނަނީ ބާއްވަމުންނެވެ. އެގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުން އަންނަނީ ހުވަދޫ އަތޮޅުގައި ހިމެނޭ ގއ. އަދި ގދގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ބައްދަލުކޮށް މަޝްވަރާތައް ބާއްވަމުންނެވެ. އެމްޓީސީސީންވެސް މި ބައްދަލުވުންތަކުގައި ބައިވެރިވެއެވެ.



މި ބައްދަލުވުންތަކުގައި ދަތުރުތައް ބާއްވާނެ ގޮތްތަކާއި އެ ދަތުރުތައް ހަމަޖެއްސުމާއި، ޓަރމިނަލާއި، ފެރީ ސްޓޮޕްތަކުގެ މަސައްކަތް ކުރިއަށްދާނެގޮތުގެ މަޢުލޫމާތުތައް ދަނީ ޙިއްސާކުރަމުންނެވެ.

ހުވަދޫގައި އާރްޓީއެލް ދަތުރުތައް ފުރަތަމަ ފަށާއިރު 6 ސްޕީޑް ފެރީ ބޭނުންކުރިނަމަވެސް ޚިދުމަތް ފުރިހަމަވާއިރު ޖުމްލަ 9 ފެރީ ބޭނުންކުރާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ހުވަދޫ އަތޮޅުގައި މި ހިދުމަތް ދޭނީ މައިގަނޑު 7 ރޫޓަކަށް ބަހާލައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފަށްޓަވާފައިވާ ޤައުމީ ފެރީގެ ޚިދުމަތް ކުރިއަށް ގެންދަނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން