އެޕްރީލް 2023ގައި މީރާއަށް 1.86 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ބުނެފިއެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 13.2 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް، މިއި އެޕްރީލް 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 11.2 އިންސައްތަ ދަށް އަދަދެއްކަމަށް މީރާއިން ބުނެއެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، އެޕްރީލް 2022 ގައި ލިބުނު އާމްދަނީ އަޅާބަލާއިރު އެޕްރީލް 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، އާމްދަނީން ނަގާ ޓެކްސް، ރިޒޯޓުތަކުގެ ކުލި އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މިގޮތުން، ޖީ.އެސް.ޓީގެ ރޭޓަށް ގެނެސްފައިވާ ބަދަލާ ގުޅިގެން، ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައި ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މާރިޗު 2022 އާއި އަޅައިބަލާއިރު، މާރިޗު 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 15.1 އިންސައްތަ އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

އެޕްރީލް 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ދަށުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ރިޒޯޓުތަކުގެ ކުލި އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެޕްރީލް މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށްވުރެ ދަށްވުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ. މީގެ ސަބަބަކީ، ޖީ.އެސް.ޓީ، ރިޒޯޓުތަކުގެ ކުލި އަދި އެއަރޕޯޓް ޓެކުހާއި ފީގެ ސުންގަޑިތަކަށް ބައެއް ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކައިފައި ނުވުން ކަމުގައި މީރާއިން ފާހަގަކުރެއެވެ. އަދި، 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޒޯޓުތަކުގެ ކުލި ދެއްކުމުގެ ސުންގަޑި 2 އޭޕްރީލް 2023 އަށް ފަސްކުރި ނަމަވެސް، ގިނަ ޓެކްސް ދައްކާ ފަރާތްތަކުން މި ފީ 31 މާރިޗު 2023ގެ ކުރިން ދައްކައިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

އެޕްރީލް 2023ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ 64.5 އިންސައްތަ ނުވަތަ 1.20 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 9.5 އިންސައްތަ ނުވަތަ 176.67 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި 116.49 މިލިއަން ރުފިޔާ (6.3އިންސައްތަ)، ގްރީން ޓެކްސްގެ ގޮތުގައި 94.92 މިލިއަން ރުފިޔާ (5.1އިންސައްތަ)، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 75.14 މިލިއަން ރުފިޔާ (4.0އިންސައްތަ)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 196.56 މިލިއަން ރުފިޔާ (10.6އިންސައްތަ) ލިބިފައިވެއެވެ.

އެޕްރީލް 2023ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 77.35 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން