ށ. ފޭދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.



ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ 67.35 މިލިއަން ރުފިޔާއަށް ސަރުކާރުން މި ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.



335,1 މީހުންގެ އާބާދީގެ ށ. ފޭދޫއަކީ ބިމުގެ ޖާގަ ތަނަވަސް ގާމަތީ ރަށެކެވެ. ރަށުގެ ވަށައިގެންވާ ފަޅުގެ ސަރަހައްދު ކުޑަނަމަވެސް، މި ރަށުގައި ހިތްގައިމު ކަނޑޫފާއަކާއި ކުޅިއެއް އޮވެއެވެ.

ރަށުގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުން ވެރިރަށް މާލެއަށް ހިޖުރަކޮށްފައިވުމާއެކު، ގިނަ ފަރާތްތައް އުޅެނީވެސް މާލެ ވަޒީފާތަކުގައި ނޫނި ފަތުރުވެރިކަމުގެ ދާއިރާގައި އެކިއެކި ރިސޯޓްތަކުގައެވެ.

މި ރަށުގައި މާ ބޮޑު ދަނޑުވެރިކަމެއް ނެތްނަމަވެސް ކަނޑުމަހަށް ދާ 2 ދޯނީގެ އިތުރުން ފަރުމަސްވެރިކަން ކޮންމެވެސް ވަރަކަށް ކުރާ 12-10 ވަރަކަށް ޑިންގީ އަދި ލޯންޗުފަހަރު އޮވެއެވެ. އަދި މާލެއާއި ފޭދޫއާއި ދޭތެރޭ ދަތުރުކުރާ މުދާ އުފުލާ އޮޑިފަހަރެއްވެސް މި ރަށުގައި އޮވެއެވެ.

ފަޅުކުޑަ ގާމަތީ ރަށަކަށްވުމާއެކު، ފޭދޫއަކީ ޒަމާނުއްސުރެ ލަފާފުރުމުގެ ދަތިކަން ތަހަންމަލު ކުރަމުން އައިސްފައިވާ ރަށެކެވެ.

އެގޮތުން މޫސުން ގޯސް ދުވަސްވަރު ރަށު ބަނދަރު ބޭނުންކުރުމަކީ އޮޑިފަހަރުތަކަށް ދަތި އުނދަގޫކަމަކަށް ވަނީ ވެފައެވެ. މީގެއިތުރުން ބަނދަރުގައި އުޅަނދުފަހަރު ގިނަވަމުންދިޔުމާއެކު، ބަނދަރުގެ ޖާގަވެސްވަނީ ރަށުގެ ބޭނުންތަކަށް ފުދޭވަރަށްވުރެ ކުޑަވެފައެވެ.

ހަމައެހެންމެ ކޮޅުވެއްޓި ފަދަ އުޅަނދުތަށްވެސް ކައިރިކޮށްލާނެ ރޭމްޕެއް ނެތުމާއެކު، އެފަދަ އުޅަނދުތަކަށްވެސް މުދާ އަރުވާ ބޭލުމުގައިވަނީ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. ނަމަވެސް ފޭދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މިހާރު ނިމިފައިވުމާއެކު، މި ރަށުގެ ރައްޔިތުންނަށް މިވަނީ ކުރިޔަށްވުރެ ޖާގަ ތަނަވަސް ޒަމާނީ ރީތި ބަނދަރެއް ލިބިފައެވެ.

މި ބަނދަރާއިއެކު، ފޭދޫ ރައްޔިތުންނަށް ލަފާފުރުމުގައި އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް މި ކުންފުނިން ދެކެމެވެ. އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، ޓީ-ޖެޓީއެއް އިތުރުވެ، ކޮޅުވެއްޓި ފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް އިތުރުވުމާއެކު، އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ފޭދޫގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން