އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ފ. ދަރަނބޫދޫ ކައުންސިލްގެ ކުރީގެ ރައީސާއި ފ.އަތޮޅު ކައުންސިލްގެ ކުރީގެ ނާއިބު ރައީސް ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.

އެ ދެ ބޭފުޅުން އެމްޑީޕީ ދޫކޮށް ޖޭޕީއަށް ސޮއިކޮށްފައިވަނީ ފ. އަތޮޅުގެ 2 ދާއިރާއަކުން ގިނަ އަދަދެއްގެ މެމްބަރުން ޖުމްހޫރީ ޕާޓީއާ ގުޅެމުންދާ ދަނޑިވަޅެއްގައެވެ.

ފ. އަތޮޅުގެ ދެ ދާއިރާއަކުން ޖުމްހޫރީ ޕާޓީއަށް މެމްބަރުން ސޮއިކުރައްވާފައިވަނީ ނިލަންދޫ ދާއިރާ އަދި ބިލެއްދޫ ދާއިރާއިންނެވެ.

ޖުމްހޫރީ ޕާޓީން ބުނީ ފ. ނިލަންދޫ ދާއިރާއިން 56 މެމްބަރުން އަދި ބިލެއްދޫ ދާއިރާއިން 60 މެމްބަރުން ޖޭޕީއަށް ސޮއިކުރައްވާފައިވާކަމަށެވެ.

ޖޭޕީއާ އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ފ.އަތޮޅު ކައުންސިލްގެ ކުރީގެ ނާއިބު ރައީސް މަހްމޫދާއި ދަރަނބޫދޫ ކައުންސިލްގެ ކުރީގެ ރައީސް، އަލީ މުޙައްމަދު އެމްޑީޕީ ދޫކޮށް ޖޭޕީއަށް ވަނީ ސޮއިކޮށްފައެވެ.

ޖޭޕީގެ ފަރާތުން މިފޯމްތަކާއި ހަވާލުވެވަޑައިގަތީ ޕާޓީގެ ލީޑަރު އޮނަރަބަލް ‌ގާސިމް އިބްރާހީމެވެ.

ޖޭޕީން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މެންބަރުން އިތުރު ކުރުމަށް ވަރުގަދަ ކެމްޕެއިނެއް ކުރަމުންނެވެ. އެގޮތުން ޖޫންމަހުގެ 1 ވަނަ ދުވަހު ޖޭޕީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން