ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 2021 ވަނައަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ދިން ޓެރަރިސްޓްގައި ދައުވާ ލިބޭ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދަށް ދިފާއީ ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދީފިއެވެ.

2021 ވަނަ އަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ 8:32 ގައި ނީލޯފަރު ހިނގުމާއި މަޖީދީމަގާ ގުޅުނު ކަންމަތިން، ސައިކަލެއްގައި އިންޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ހަރުކޮށް އެ އައިއީޑީ ގޮއްވާލައިގެން ރައީސްް މުޙައްމަަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ޓެރަރިސްޓް ޙަމަލާއެއް ވަނީ ދީފައެވެ.

އެ އައިއީޑީ ގޮއްވާލުމުގެ ސަބަބުން ރައީސް ނަޝީދުގެ ހަށިކޮޅަށް ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން ބޭސް ފަރުވާއަށް ރާއްޖޭން ބޭރުގައި ގިނަދުވަސްތަކެއް ވަންދެން އެމަނިކުފާނު އުޅުއްވާފައިވެއެވެ. އެ ހަމަލާގައި ބުރައިގެން ދިޔަ ލޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަނެވެ. އެކަމާގުޅިގެން ގިނަ އޮޕަރޭޝަންތަކެއް ކުރަންޖެހުނެވެ.

ޓެރަރިޒަމްގެ މި މައްސަލާގައި ދަޢުލަތުން ދައުވާ ކޮށްފައިވަނީ ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި، ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީއާއި، މ. ކުދެހިގޭ އިސްހާގު އަދި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ ސަފްއަތު ހަބީބް، ތަހުމީނަށް ދިފާއީ ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވީ ތަހްމީންގެ ވަކީލެއްގެ ގޮތުގައި މައްސަލައާއި މިހާރު ހަވާލުވެ ހުންނެވި ހަމްޒާ ލަތީފް އެކަމަށް އެދިވަޑައިގަތުމުންނެވެ. ހަމްޒާ ވިދާޅުވީ ތަހުމީނުގެ ވަކީލެއްގެ ގޮތުގައި ކުރިން ހުންނެވި ވަކީލަށް ދިފާއީ ހެކި ހުށަހެޅުމަށް ކޯޓުން ދިން ފުރުސަތުގައި އެކަން ކުރެވިފައި ނެތް ނަމަވެސް އޭނާ މައްސަލައާ ހަވާލުވެފައިވާތީ އެ ފުރުސަތު ބޭނުންވާ ކަމަށެވެ.

އެކަމާގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ، ތަހުމީނަށް ހެކި ހުށައެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އިންކާރު ނުކުރަށްވާ ކަމަށެވެ. ނަމަވެސް ދައުލަތުން ވަނީ ވަކިވަކި ހެކިންނާމެދު އިއުތިރާޒެއް އޮތްނަމަ 3 ދުވަސް ތެރޭގައި އެކަން ކޯޓަށް އަންގާނެކަމަށް ވިދާޅުވެފައެވެ.

ތަހުމީންގެ ފަރާތުން މިއަދު ހަ ހެކިން ހުށަހަޅިއިރު، އެ ހެކިތައް ހުށަހަޅާފައި ވަނީ ދެ ކަމެއް ސާބިތުކުރުމަށެވެ. އެއީ 2021 ވަނަ އަހަރުގެ ރޯދަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ އޭނާ ހުރީ އިޝާ ނަމާދުން ފެށިގެން ތަރާވީސް ނިމެންދެން މިސްކިތެއްގައިކަމާއި އޭނާ އަކީ ސައިކަލެއް ގަތުމުގެ ގާބިލުކަން ނެތް މީހެއްކަން ސާބިތުކުރުމަށެވެ.

މި މައްސަލާގައި ދަޢުވާލިބޭ އިސްހާގުގެ ވަކީލު އަހުމަދު ޔާމީން މިއަދު ވިދާޅުވީ، ދިވެހި ފުލުހުންގެ ފަރާތުން އަމަލުކުރި ގޮތުން އިސްހާގަށް ހެކި ހާމަކުރަން ހުރަސް އެޅިފައިވާ ކަމަށެވެ. ނަމަވެސް، ޤާޟީ ވިދާޅުވީ، އިސްހާގުގެ މައްސަލާގައި ޝަރީއަތުން ކުރިން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.

ދެން މި މައްސަލައިގައި އޮންނާނީ ތަހުމީންގެ ހެކިތަކާ ދެކޮޅަށް ދައުލަތުން ހުށަހަޅާ ހުށަހެޅުންތަކާ ބެހޭގޮތުން ވާހަކަދެއްކުމަށާއި ގޮތެއް ކަނޑައެޅުމެއް ބާއްވާ އަޑުއެހުމެކެވެ. އެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހަށެވެ.

މި މައްސަލައިގައި ދަޢުލަތުން އިފްތިތާޙީ ބަޔާން ހުށައަޅަމުން ބުނެފައިވަނީ ދަޢުވާ ލިބޭ ފަރާތްތަކުން ރައީސް ނަޝީދުގެ ލޭ ހުއްދަކޮށް ހަމަލާ ދޭން ދުރާލާ މަޝްވަރާތައް ކޮށްފައިވާކަމަށާއި، މި މަޝްވަރާތަކުގައި އިސްކޮށް އުޅުނީ ތަހުމީނު ކަމަށެވެ. އެގޮތުން ސައިކަލުގައި ތިން ދުވަސް ކުރިން އައިއީޑީ ހަރުކުރި ކަމަށާއި، އައިއީޑީން ތަހުމީނާއި ހައިޝަމްގެ ޑީއެންއޭ ފެނުނު ކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.

ދަޢުލަތުންބުނީ، ނީލޯފަރުގޯޅި ކަންމަތީ ސައިކަލު ޕާކުކުރީ އިސްހާގު ކަމަށާއި، އައިއީޑީ ގޮއްވާލި އަދުހަމް އަތަށް ރިމޯޓު ދިނީ ނާޒިމް ކަމަށެވެ. އޭގެއިތުރުން ހަމަލާއަށްފަހު އަދުހަމް ފިލުވީ މުޖާޒު ކަމަށާއި ހަމަލާގެ އެކި ކަންކަމުގައި މީހުން ދަތުރުކުރީ ފަހުމީ ދުއްވާ ޓެކްސީގައި ކަމަށް އިފްތިތާޙީ ބަޔާން އިއްވަމުން ދަޢުލަތުންބުނެފައިވެއެވެ.

ނަމަވެސް މައްސަލަ ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ ދައުވާއަށް އިންކާރު ކުރާކަމަށެވެ. އަދި އެދަޢުވާތައް ދަޢުލަތަށް ސާބިތުކޮށް ނުދެވޭނެކަމަށް ދަޢުވާލިބޭ ފަރާތްތަކުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން މީގެކުރިން ވަނީ މެއި 6 ގެ އައިއީޑީ ގޮއްވާލި އަދުހަމަށް 23 އަހަރާއި 6 މަހާއި ނުވަ ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަކީ ސަލްޓަންޕާކްގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީ އަށްވުރެ އެތައްގުނަ ބާރުގަދަ އައިއީޑީއެއް ކަމަށާއި މިއީ މިހާތަނަށް ރާއްޖޭގައި ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ޗީފް އޮފް ޑިފެންސް ފޯމް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯމް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ، ރައީސް ނަޝީދަށް އަވަހާރަކޮށްލަން ގޮއްވާލީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަކީ ސަލްޓަންޕާކްގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީ އަށްވުރެ އެތައްގުނަ ބާރުގަދަ އައިއީޑީއެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން