ހުޅުމާލޭގައި ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީކުރާ 4000 ހައުސިން ޔުނިޓް ޕްރޮޖެކްޓް ނިންމާ ހަވާލުކުރާނީ ހުރިހާ މަސައްކަތެއް ނިިންމާފައި ކަމަށާއި މިޕްރޮޖެކްޓްގެ ފިނިޝިން މަސައްކަތަށް އިތުރު ލޯނެއް ނުނަގާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ބުނެފިއެވެ.

އެފްޑީސީން މިހެން ބުނީ މިޕްރޮޖެކްޓްގެ ފިނިޝިންގ މަސައްކަތަށް އިތުރު ލޯނެއް ނަގަން އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅޭގޮތުންނެެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އެފްޑީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހައުސިންގ ޕްރޮޖެކްޓްގެ ޔުނިޓްތައް ނިންމުމަށް އިތުރަށް ލޯނު ނަގާކަމަށްބުނެ، އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރަަކީ ހަޤީޤަަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. އަދި އެ އެކުންފުނިން އިމާރާތްކުރާ ޓަވަރުތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް އިތުރު ލޯނެއް ނަގަން ނުޖެހޭނެކަމަށާއި ފިނިޝިން މަސައްކަތް ނިންމުމަށް ލޯނެއް ނަގަން ނުވަތަ ފައިސާ ހަމަޖައްސަން އެފްޑީސީން އެއްވެސް ބޭންކަކަށް ނުދާކަން ކަށަވަރުކޮށްދޭ ކަމަށެވެ.

އެފްޑީސީން ބުނީ ޕްރޮޖެކްޓަށް ލޯނު ނަގާފައިވަނީ ހުރިހާ މަސައްކަތްތައް ހިމެނޭހެންކަމަށެވެ. އަދި ފްލެޓްގެ މަސައްކަތްތައް ނިމޭއިރު ހުންނާނީ ޓައިލްސް ޖަހާ، ދޮރުތައް ހަރުކޮށް، ކުލަލާ، ލައިޓް ތަކާއި، ފަންކާއާއި، ފާޚާނާ ފިޓިންގްސް ފުރިހަމަކޮށް، އަދި މިނޫންވެސް އިތުރު ފިނިޝިން މަސައްކަތްތައް ނިންމާފައިކަމަށް އެފްޑީސީން ބުނެއެވެ.

ފަހިދިރުއުޅުން ކޯޕަރޭޝަންގެ ދަށުން ސަރުކާރުން ހުޅުމާލޭގައި ދަނީ 4000 ހައުސިން ޔުނިޓްގެ މަސައްކަތްކުރަމުންނެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ 2 ކުންފުނިކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެން.ބީ.ސީ.ސީ ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ.



ކިޔުންތެރިންގެ ހިޔާލު