ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ އެމްޓީޑީއާއެކު ކުރަމުން ގެންދާ މަޝްވަރާ ތަކުގައި މިހާތަނަށް އެއްވެސް ކަމެއް ނިންމާފައިނުވާ ކަމަަށް ޖުމުހޫރީ ޕާޓީން ބުނެފިއެވެ.

ޖުމުހޫރީ ޕާޓީން މިހެން ބުނީ އެޕާޓީގެ މައި އޮފީސް ހުންނަ ކުނޫޒުގައި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ އެމްޓީޑީއާއެކު ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް ރޭ ބޭއްވި ބައްދަލުވުމާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެމުންނެވެ.

އެ ބައްދަލުވުމުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މިނިވަންކޮށް އިންސާފްވެރި ސަރީއަތެއް ހިންގުމަށާއި އެމްޓީޑީއަށް ސަރުކާރުގެ 20 ޕަސެންޓް ހިއްސާ ދިނުމަށް ނިންމާފައިވާ ކަމަށް ބުނެ ރަޖިސްޓްރީ ނުކޮށް ހިންގާ އޮންލައިން ނޫހަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެ ވާހަކަ ތަކާއި ގުޅިގެން "ރަސްއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ޖުމުހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ ރޭގެ ބައްދަލުވުމުގައި އެފަދަ އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ. އެއީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށް އަލީ ސާލިޙު ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އާއެކު ރޭ ވަނީ ބައްދަލުވުމެއް ބާއްވާފައެވެެ. އެބައްދަލުވުމާއި ގުޅޭގޮތުން އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ކުރިއަށް އޮތްތާގައި އެޕާޓީއާއެކު އިތުރު ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ. އަދި މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު އެޕާޓީއާއި ގުޅިގެން ކުރިއަށް ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށް އަމީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އަދި އެމައްސަލައިގައި އަދީބު ވަނީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.

ދައުލަތުން އަދީބާއެކު ވަނީ އިއުތިރާފު އެއްބަސްވުމެއްވެސް ހަދާފައެވެ. އޭނާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ހުކުމް ތަންފީޒު ކުރުން ވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު