ރާއްޖޭގައި އެންމެ ފުރަތަމަ ފައިބަރ އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމްކުރި ފަންބޮނޑި މޯލްޑިވްސްއިން ތ. ދިޔަމިގިލީގައި އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމްކޮށް ހިދުމަތްދޭން ފަށައިފިއެވެ.

ފަންބޮނޑި މޯލްޑިވްސްގެ ސީއޯއޯ ފާތުމަތު އާސިޔާ ވިދާޅުވީ މިނެޓްވޯކް މެދުވެރިކޮށް ދިޔަމިގިއްޔަށް ޒަމާނީ ޓެކްނޮލޮޖީގެ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

"އިންޓެނެޓާއި ޓީވީގެ ހިދުމަތުގެ އިތުރުން އެހެންވެސް ޒަމާނީ ޓެކްނޮލޮޖީގެ ހިދުމަތްތައް އަޅުގަނޑުމެންގެ ނެޓްވޯކްގެ ތެރެއިން ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ." އާސިޔާ ވިދާޅުވިއެވެ.

ދިޔަމިގިލީ ކައުންސިލް ރައީސް އަހުމަދު މޫސާ މަނިކު ވިދާޅުވީ އިންޓަނެޓަކީ އަސާސީ ހިދުމަތެއް ކަމަށާއި މިނެޓްވޯކްގެ ތެރެއިން ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"ދަރިވަރުންގެ ތައުލީމަށް ބޭނުންވާ މައުލޫމާތާއި ޓެކްނޮލޮޖީގެ ހިދުމަތްތައް ފަންބޮނޑި ނެޓްވޯކްގެ ތެރެއިން ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން." މަނިކު ވިދާޅުވިއެވެ.

ފަންބޮނޑިން އެންމެ ފުރަތަމަ މިފަދަ ނެޓްވޯކެއް ގާއިމްކޮށްފައި ވަނީ ވިލުފުށީގައެވެ. ފަންބޮނޑީގެ މި ނެޓްވޯކްގައި މިހާރު ވެސް ރާއްޖޭ އެންމެ ބޮޑު މުއާސަލާތީ ދެ ކުންފުނި، އުރީދޫ އާއި ދިރާގުންވެސް ހިދުމަތް ފޯރުކޮށްދެމުންގެންދެއެވެ.

ފައިބަރ އޯޕަން އެކްސެސް ނެޓްވޯކްތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް މުއާސަލާތީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޒަމާނީ ނިޒާމެކެވެ.



ކިޔުންތެރިންގެ ހިޔާލު